އަހުމަދު ޝާހް   23 އޯގަސްޓު 2021 - 18:5
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް
ރާއްޖޭގައި މިހާރު މިއޮތީ މުންޑު ޓުއަރިޒަމް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

އިތުބާރު ނެތްކަމަށް ފާސްކޮށް މަޤާމުން ވަކިކުރުމުން އިދިކޮޅު ޕީޕީއެމާއި ގުޅިވަޑައިގެންނެވި މަލީހު މިއަދު މި މޭރުމުން ވިދާޅުވެފައި މިވަނީ ރާއްޖެއަށް މިހާރު ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރޭގައި އަވަށްޓެރި އިންޑިއާގެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ހިމެނޭތީ އެކަމަށް ފާޑު ވިދާޅުވުމުގެ ގޮތުންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. އެޤައުމުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރި ނިސްބަތް 22 އިންސައްތައިގައި ހުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން ޙިއްސާކުރަނީ 18.9 އިންސައްތަ ފަތުރުވެރިންނެވެ.

މަލީޙް ވިދާޅުވީ، އެމްޑީޕީން ވެރިކަމާއި ހަވާލުވިއިރު، ރާއްޖޭގެ ޓުއަރިޒަމް ސިނާއަތަކީ ދުނިޔޭގެ އެއްވަނަ ބްރޭންޑް ކަމަށާއި، ނަމަވެސް މިއަދު މަންޒަރު ބަދަލުވެ 60 ގެ އަހަރުތަކުގެ އައި ހިޕީ ޓުއަރިސްޓް މާރކެޓަށްވުރެ ހާލު ދެރަ ކަމަށެވެ. އަދި މޯލްޑިވެސް ބްރޭންޑުގެ އަގުވެއްޓެމުން ދާ ކަމަށާއި، މިހާރު މިއޮތީ މުންޑު ޓޫރިޒަމް ކަމަށްވެސް މަލީހް ވިދާޅުވެފައިވެއެވެ.



ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަޢުލޫމާތު ހާމަކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 705،024 ފަތުރުވެރިންނެވެ. އަދި މި އޯގަސްޓްމަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 92،657 ފަތުރުވެރިންނެވެ.

މިހާރުގެ ކޯލިޝަން ސަރުކާރު ގެންނަން ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރެއްވި މަލީހު ޕީޕީއެމަށް ސޮއި ކުރެއްވުމަށް ފަހު ފުރަތަމަ ވެސް ގޮވާލައްވާފައި ވަނީ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަގުތުން ވަގުތަށް މިނިވަންކުރުމަށެވެ. އަދި 2023 ވަނަ އަހަރު ގައުމުގެ ވެރިކަމަށް އަލުން ރައީސް ޔާމީން ގެނައުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެކަމަށް މަލީހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން