ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް
ރާއްޖޭގެ އާބާދީގެ 84 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 18 އަހަރުން މަތީގެ 84 އިންސައްތަ މީހުން ވެކްސިން ޖަހައިފިކަމަށާއި، އުންމީދަކީ މި މަސް ނިމެންވާއިރަށް އެ ނިސްބަތް 90 އިންސައްތައަށް ގެންދިއުން ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ފުރިހަމަ ކުރެވި، ކޮވިޑާ ގުޅިގެން މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ލިބުންކަމަށް މަބްރޫކް ވިދާޅުވިއެވެ. ރެއާއި ހަމަޔަށް ރާއްޖޭގައި 299،077 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

ދާދިފަހުން ރައީސް ސާލިޙު ވަނީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ބޭނުންވާ މިންވަރަށް މިހާރު ރާއްޖެއަށް ވެކްސިން ލިބިފައިވާކަން އިޢުލާނުކުރައްވާފައެވެ. އަދި 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމާއެކު ސަރުކާރުގެ އަމާޒަކީ މި އޯގަސްޓް މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށްވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުމެވެ. ސްކޫލު ކުދިންގެ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންވާ ވަރަށް ފައިޒާ ވެކްސިން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖެއަށް ވެކްސިންލިބި އަދި މިހާތަނަށް ވެކްސިން ޖެހޭ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންދީ ނިމިފައިވާއިރު މިއީ ރާއްޖެއަށްވުރެ ހުރިހާ ގޮތަކުން ކުރިއަރާފައިވާ ބައެއް ޤައުމުތަކާއި އަޅާބަލާއިރުވެސް ބޮޑު ކުރިއެރުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން