ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް
ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް
ބަރުލަމާނީ ނިޒާމެއްގައި އަވަސްއަވަހަށް ސަރުކާރު ބަދަލުވާނެ ކަމަށާއި ރައްޔިތުންގެ ބަހެއް ނެތިވެސް ވެރިކަން ކުރެވޭނެ ކަމަށް ލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މަޝްހޫރު ޤާނޫނީ ވަކީލް އުޝާމް ވިދާޅުވީ 2018 ގައި މެލޭޝިއާގައި ބޭއްވި އިންތިހާބުގައި ކުރި ހޯދި ޕާޓީތައް މިއަދު ތިބީ އިދިކޮޅުގައި ކަމަށެވެ. އަދި މިހާރު ވެރިކަމުގައި ތިބީ 2018 ގެ އިންތިހާބުގައި ބަލިވި ޕާޓީތައް ކަމަށާއި، އިންތިހާބަކާ ނުލައި، ރައްޔިތުންގެ ބަހެއް ހޯދުމެއްނެތި 3 އަހަރުތެރޭ އެޤައުމުގައި 3 ސަރުކާރު އުފެދިފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމު ގެނައުމުން ކަންހިނގާދާނެ ގޮތުގެ މިސާލު ދައްކަވަމުން އުޝާމް ވިދާޅުވީ، "މެލޭޝިއާގައި އޮންނަނީ ބަރުލަމާނީ ނިޒާމު" ކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ޕެޓިޝަނެއް ހުށަހެޅުމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަންގެ މެމްބަރުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ. އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ތާޢީދުކުރަށްވާނީ ބަރުލަމާނީއަށް ތާއީދުކުރާ ކެންޑިޑޭޓުންނަށްކަމަށް ރައީސް ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލާ ރައީސަށް ހުށައަޅާ ޕެޓިޝަންގައި ވީހާވެސް ގިނަ މެމްބަރުން ސޮއިކުރުމަށް އެދިވަޑައިގެންފައެވެ. އަދި މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން