ވެލިދޫ ދާއިރާގެ މަޖިލީސް މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް
ވެލިދޫ ދާއިރާގެ މަޖިލީސް މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް
ރާއްޖޭގައި މިހާރު ޢަމަލުކުރާ ކޯލިޝަން ނިޒާމުގައި ރައްޔިތުންގެ ރުހުމެއްނެތި ރައްޔިތުންގެ މައްޗަށް ބަސްކިޔޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ތާޢީދުކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ޤާއިމްކުރުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުގެ ދަށުން އިތުރު މަސައްކަތްތަކެއް ފަށްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

ބަރުލަމާނީ ނިޒާމަށް ތާޢީދު ހޯދުމަށް ތައްޔާރު ކުރަމުންދާ ޕެޓިޝަންގައި ސޮއި ކުރެއްވުމަށްފަހު މެންބަރު މޯޑު މިއަދު ވިދާޅުވީ، ރާއްޖޭގައި މިހާރު ޢަމަލު ކުރަމުންދަނީ ޤާނޫނު އަސާސީ ނުދަންނަ ކޯލިޝަން ނިޒާމަކަށް ކަމަށެވެ. މި ނިޒާމަކީ ޕާޓީއެއްގެ ސްލޮޓުގައި ދައުލަތުގެ ބޮޑެތި މަގާމުތަކަށް އައުމަށް އޮތް ފަހި ފުރުސަތެއް ކަމަށް މެންބަރު މޯޑު ވިދާޅުވިއެވެ.

"ކޯލިޝަން ވެރިކަމެއްގައި ރައްޔިތުންގެ ބައިވެރިވުމެއްނެތި އަދި ރައްޔިތުންނާ ގުޅުމެއްނެތި ލީޑަރުގެ ރުހުމުގައި ރައްޔިތުންގެ މައްޗަށް ބަސްކިޔަން ހުރެވޭ." މޯޑު ވިދާޅުވިއެވެ.



2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޢަމަލުކުރަމުން އަންނަ އައު ޤާނޫނު އަސާސީގެ ދަށުން އުފެދުނު ހުރިހާ ވެރިކަމެއްގައިވެސް ރައްޔިތުންގެ ތާޢީދެއް ނެތް އަދި ޤާބިލު ކަމެއްނެތް ފަރާތްތައް ކެބިނެޓާއި ސަރުކާރުގެ އިސް މަޤާމުތައް ފުރުމަކީ ރައްޔިތުންގެ ޢާއްމު ޝަކުވާއެކެވެ. އެގޮތުން ޕާޓީތަކުގެ ލީޑަރުން ރުއްސުމަށްޓަކައި ވަކިވަކި ބޭފުޅުންނަށް ޚާއްސަކޮށްގެން ކެބިނެޓް ވަޒީރުކަމުގެ މަޤާމުތައްވެސް އުފެއްދެވުމަކީ ޢާއްމު ކަމެކެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހެޅުމަށް އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަންގެ މެމްބަރުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލާ ރައީސަށް ހުށައަޅާ ޕެޓިޝަންގައި ވީހާވެސް ގިނަ މެމްބަރުން ސޮއިކުރުމަށް އެދިވަޑައިގެންފައެވެ. އަދި މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން