އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ (ކ) އާއި ރައީސް ޞާލިޙް (ވ)
އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ (ކ) އާއި ރައީސް ޞާލިޙް (ވ)
މިއަދު އެއްބަސްވުމުގައި ސޮއިކުރި ތިލަމާލެ ބްރިޖު ޕްރޮޖެކްޓާ މެދު ޚުދު ރައީސް ޞާލިޙަށްވެސް ޔަގީންކަން ނެތް ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫޢު ކަމަށްވާ ތިލަމާލެ ބްރިޖްގެ ޢަމަލީ މަސަައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ އެފްކޮންސް އިންފްރާސްޓްރަކްޗަރާއެވެ. އެ ޕްރޮޖެކްޓްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.

އެކަމާ ގުޅިގެން އަދުރޭ މިއަދު ވިދާޅުވީ، ތިލަމާލެ ބުރިޖުގައި ސޮއިކުރި ރަސްމިއްޔާތަށް ރައީސް ޞާލިޙް ވެސް އަދި ނައިބް ރައީސް ފައިޞަލް ނަސީމް ވެސް ވަޑައި ނުގެންނެވުމަކީ އެ ޕްރޮޖެކްޓާ މެދު ޚުދު ރައީސް ޞާލިޙަށް ވެސް ޔަގީންކަން ނެތްކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.



"ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕަރމަނަންޓް ސެކްރެޓްރީ ޒީނިޔާ ހަމީދެވެ. އަދި އެފްކޮންސް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރެވެ.

މި މަޝްރޫޢުގެ ދަށުން 6.7 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯސްވޭއިން މާލެއާއި ވިލިމާލެއާއި، ތިލަފުށި އަދި ގުޅީފަޅު ގުޅާލާނެއެވެ. މި މަޝްރޫޢަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައިވަނީ އިންޑިއާ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެގޮތުން މި މަޝްރޫޢަށް 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އިންޑިއާ ސަރުކާރުން ހަމަޖައްސައިދީފައި ވެއެވެ.

މި މަޝްރޫޢުގެ ދަށުން ގުޅީފަޅުގައި އަޅާ ބައިނަލްއަޤްވާމީ ބަނދަރު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން މާލެއާއި ގުޅާލުން ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދީ މައި އިންޖީނަށްކަމަށް ސަރުކާރުން ދެކެއެވެ.

6.7 ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

މި މަޝްރޫޢު ޑިޒައިންކޮށްފައިވާގޮތަށް ބަލާއިރު މާލެއާއި ވިލިމާލެ ބްރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅީފަޅާއި ތިލަފުށި ބްރިޖުގައި ވައްބުރު ޖަންކްޝަނެއް ހިމެނޭއިރު، ކޮންމެ ރަށެއްގައިވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލަރ ޕެނަލްތައް ހަރުކޮށް ބޮކިތައް އީޔާދަކުރަނިވި ހަކަތައިން ދިއްލޭ ނިޒާމު މި މަޝްރޫޢުގެ ތެރެއިން ޤާއިމުވެގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން