ޖުމްހޫރީޕާޓީގެ ނައިބު ރައީސް އަޙްމަދު ސަޢުދު (ކ) އާއި ރައީސް ޞާލިޙް
ޖުމްހޫރީޕާޓީގެ ނައިބު ރައީސް އަޙްމަދު ސަޢުދު (ކ) އާއި ރައީސް ޞާލިޙް
މިހާރު ދިމާވެގެން މިއުޅެނީ ނިޒާމުގެ މައްސަލައެއް ނޫން ކަމަށާއި ދިމާވެގެން މިއުޅެނީ އިޚްލާސްތެރިކަމުގެ މައްސަލައެއް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސަޢުދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ތާޢީދުކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ޤާއިމްކުރުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުގެ ދަށުން އިތުރު މަސައްކަތްތަކެއް ފަށްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ސަރުކާރު ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސަޢުދު ވިދާޅުވީ، މިހާރު ވެރިކަމާއި މަޖިލީސްވެސް ލިބިފައިވާ ކަމަށާއި، އެހެންކަމުން ކަންތައްތައް ނުކުރެވިގެން މިއުޅެނީ ނިޒާމުގެ މައްސަލައަކުން ނޫންކަން ޔަގީންވާ ކަމަށެވެ.

"މިއުޅެނީ ނިޒާމުގެ މައްސަލައެއްތޯ ނުވަތަ އިޚްލާސްތެރިކަމުގެ މައްސަލައެއްތޯ؟" ސަޢުދު ސުވާލު އުފައްދަވާފައިވެއެވެ.



ސަޢުދު އިތުރަށް ވިދާޅުވީ، ރައްޔިތުން ކުރިންވެސް ބަރުލަމާނީ އަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހެޅުމަށް އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަންގެ މެމްބަރުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލާ ރައީސަށް ހުށައަޅާ ޕެޓިޝަންގައި ވީހާވެސް ގިނަ މެމްބަރުން ސޮއިކުރުމަށް އެދިވަޑައިގެންފައެވެ. އަދި މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން