ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 60 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.



ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ގްރީން ފަންޑް ރިޕޯޓްގައިވާ ގޮތުން ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ރިޒޯޓްތަކުން 57 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ގެސްޓްހައުސްތަކުން މިލިއަނެއްހާ ރުފިޔާ ލިބިފައިވާއިރު، ސަފާރީތަކުންވެސް ލިބިފައިވަނީ މިލިއަނެއްހާ ރުފިޔާއެވެ. އަދި ސިޓީ ހޮޓާ ތަކުން ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 8 ލައްކައެއްހާ ރުފިޔާއެވެ.

ގްރީން ފަންޑަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދީފައިވަނީ މާލެ އަތޮޅުންނެވެ. އެއީ 21 މިލިއަން ރުފިޔާއެވެ. 7 މިލިއަން ރުފިޔާއާއެެކު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާދީފައިވަނީ އދ އަތޮޅުންނެވެ. ރ، ބ އަދި އއ އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި، ކޮންމެ އަތޮޅަކުން 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދާދީފައެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިޒޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ.

ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ. ގްރީން ޓެކްސް ނަގަނީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން