އަހުމަދު ޝާހް   30 އޯގަސްޓު 2021 - 23:9
ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން
ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން
ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.

ދުންޔާ މިއަދު ވިދާޅުވީ، އެކަމަނާ އެމްއެންްޕީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށާއި، އެޕާޓީއަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މުހިއްމު ދައުރެއް އަދާކުރެވޭނެ ޕާޓީއަކަށް ވާނެ ކަމަށް ޤަބޫލު ކުރަށްވާ ކަމަށެވެ. ދުންޔާ މީގެކުރިން ވަނީ އިދިކޮޅު ޕީޕީއެމާ އަދި ދާދިފަހުން ޢުމަރު ނަސީރު އުފެއްދެވި ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ހަރަކާތުގައި ވެސް އިސް ދައުރެއް އަދާކުރަށްވާފައެވެ.

"އަޅުގަނޑު މިހާރު ނިންމާފައި ވަނީ އެމްއެންޕީއާ ޖޮއިން ކުރުމަށް." ދުންޔާ ވިދާޅުވެފައިވެއެވެ.



ދުންޔާ އިތުރަށް ވިދާޅުވީ، އެކަމަނާއަށް ލިބިހުރި ޢިލްމާއި ތަޖުރިބާގެ އެހީގައި ދިވެހި ރައްޔިތުންނަށް ހިދުމަތްކުރުމަށް ބޭނުންވާ ކަމަށާއި، ހާއްސަކޮށް، ވަކިފަރާތަކަށް ބުރަނުވާ ޚާރިޖީ ސިޔާސަތެއް ރާއްޖޭގައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަނަވަސްކަން ހޯދަން މަސައްކަތް ކުރަންޖެހޭ ކަމަށް ދުންޔާ ވިދާޅުވިއެވެ.

ދާދިފަހުން ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްވެސް ވަނީ އެމްއެންޕީއަށް ސޮއި ކުރަށްވާފައެވެ.

އެމްއެންޕީއަކީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފެއްދެވުމަށް މަސައްކަތް ކުރަށްވާ ޕާޓީއެކެވެ. އެ ޕާޓީއަށް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ 5 މެންބަރުން ގުޅިވަޑައިގެންފައެވެ.

ދުންޔާ ޑީއެންއޭއާއި ގުޅިވަޑައިގެންނެވުމަށް ނިންމެވިއިރު ދުންޔާގެ އެއްބަނޑު އެއްބަފާ ބޭބެ ފާރިޝް މައުމޫނާއި ދުންޔާއާއި އެއްމާބަނޑު ޔުމްނާ މައުމޫނާއި ބައްޕާފުޅު ރައީސް މައުމޫން އަބްދުލަގައްޔޫމަކީ މިހާރުގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގައި ހިމެނިވަޑައިގަންނަވާ އެޕާޓީގެ ފައުންޑަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން