މ. ކުދެހިގޭ އިސްހާޤް އާއި، ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ
މ. ކުދެހިގޭ އިސްހާޤް އާއި، ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް މެއި 6 ގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައިގެން ދިން ހަމަލާގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މ. ކުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 14 ދުވަސް ޖަހައިފިއެވެ.

އެ ދެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ. ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތަކުގެ ބަންދު މުރާޖައާ އަޑުއެހުން ކޮންމެ 30 ދުވަހުން ބާއްވަން ޖެހޭނެކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އަންގާރަ ދުވަހު ބޭއްވުނު އަޑުއެހުމަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ(ށ) ގައިވާ ގޮތުގެމަތިން އެ ދެމީހުންގެ ބަންދު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމެކެވެ.

ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން ދަޢުވާ އުފުލާފައިވަނީ، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ. އަދުހަމްގެ މައްޗަށް 4 ދައުވާ ކޮށްފައިވާއިރު މުޖާޒްގެ މައްޗަށް 2 ދައުވާ ކޮށްފައިވެއެވެ. އަދި ތަހުމީންގެ މައްޗަށް 4 ދައުވާ ކޮށްފައިވާއިރު ހައިޝަމްގެ މައްޗަށް 3 ދައުވާ ކޮށްފައިވެއެވެ.

މީގެ ތެރެއިން އަދުހަމް ވަނީ ދައުވާތަކަށް އިއުތިރާފްވެ 23 އަހަރުގެ ޖަލުހުކުމަކަށް އެއްބަސްވެފައެވެ. އަދުހަމްގެ މައްޗަށް ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ހިމެނޭ ގޮތަށް މިވަގުތު ތަޙުޤީޤު ކުރުމަށް ބަންދު ކޮށްފައި ތިބީ ކ. މާލެ ކުދެހިގެ އިސްހާގު، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީ، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް، ހއ. މުޅަދޫ ބަހާރުގެ އަބްދުﷲ އަލި މަނިކު، ހއ. ހޯރަފުށި އަލަނާސިގެ މުހައްމަދު ތަސްލީމް އެވެ.

ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން 6 މެއި ދުވަހުގެރޭ 8:27 ހާއިރު އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބައެއް މީހުންވެސް ޒަހަމްވެފައިވެ އެވެ.

އެ ޙަމަލާ އަށްފަހު އޭޑީކޭގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރެއްވުމަށްފަހު، އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަޑައިގެންނެވީ ޖަރުމަންވިލާތަށެވެ. އަދި މިވަގުތު ފަރުވާގެ ކަންކަމުގައި އެމަނިކުފާނު ހުންނެވީ އިނގިރޭސިިވިލާތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން