އަހުމަދު ޝާހް   2 ސެޕްޓެމްބަރު 2021 - 2:33
ދަތުރުފަތުރުގެ ޚިދުމަތްދޭ ފެރީއެއް
ދަތުރުފަތުރުގެ ޚިދުމަތްދޭ ފެރީއެއް
ޕީސީއާރް ޓެސްޓު ހެދުމެއް ނެތި ދެވޭނެ ރަށްތަކުގެ ލިސްޓެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ޢާއްމު ކޮށްފިއެވެ.

އެޗްޕީއޭ އިން މިރޭ ކޮށްފައިވާ އިޢުލާނެއްގައި ވަނީ، މިއަދުން ފެށިގެން ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކުން ދަތުރު ފަށާ ރަށުގެ ހަފްތާއަކު ނެގޭ ސާމްޕަލްގެ ނިސްބަތުން ފައްސިވާ އަދަދު 5 އިންސައްތަ އަށް ވުރެ ދަށް ނަމަ ޕީސީއާރް ޓެސްޓްއަކާއި ނުލާ ދަތުރު ކުރެވޭނީ ދަތުރު ކުރާ ރަށުގެ ވެކްސިން ފުރިހަމަވާ ނިސްބަތަށް ބެލުމަށް ފަހު ކަމަށެވެ.

އެހެންކަމުން ރަށުގައި ދިރިއުޅޭ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ 12 އަހަރުން މަތީގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި، އަދި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ 90 އިންސައްތައަށް ވެކްސިން ފުރިހަމަވެފައި ހުންނަން ޖެހޭއިރު، ގެެސްޓް ހައުސް ހުންނަ ރަށްރަށުގައި ގެސްޓް ހައުސްތަކުގައި މަސައްކަތް ކުރާ މީހުންނާއި ޓުރައިސްޓު ހިދުމަތުގައި މަސައްކަތް ކުރާ މީހުންގެ 95 އިންސައްތަ ވެކްސިން ފުރިހަމަ ކުރަން ޖެހޭނެ އެވެ.

އެގޮތުން އެޗްޕީއޭއިން ކަނޑައަޅާފައިވާ ޕީސީއާރް ޓެސްޓު ހެދުމެއް ނެތި ދެވޭނެ ރަށްތަކަކީ ހއ. އުލިގަން، ހއ. މުރައިދޫ، ހދ. ހިރިމަރަދޫ، ހދ. ނެއްލައިދު، ރ. މަޑުއްވަރީ، ރ. މީދޫ، ރ. އަލިފުށި، ބ. ފެހެންދޫ، ބ. ފުޅަދޫ، ބ. ދޮންފަން، ބ. ކިހާދޫ، ބ. އޭދަފުށި، ބ. މާޅޮސް، ބ. ކަމަދޫ، އއ. މަތިވެރި، އދ. ދިގުރަށް، އދ. ފެންފުށި، އދ. ދިއްދޫ، ވ. ރަކީދޫ، ވ. ފެލިދޫ، ވ. ކެޔޮދޫ، ވ. ފުލިދޫ، ފ. މަގުދޫ، ފ. ދަރަނބޫދޫ، ފ. ފީއަލި، ލ. ހިތަދޫ، ގއ. ދެއްވަދޫ އަދި ގދ. ރަތަފަންދޫ އެވެ.

ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް ދަށްވާން ފެށުމާއެކު ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ސަރުކާރުން ވަނީ ދީފައެެވެ. އޭގެތެރޭގައި ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް ނެގެޓިވް ޕީސީއާރު ޓެސްޓްގެ ނަތީޖާ އާއެކު ކަރަންޓީނާއި ނުލައި ދަތުރުކުރުން ހިމެނެއެެވެެ.

އިއްޔެގެ ނިޔަލަށް ރާއްޖޭގައި ވެކްސިންގެ އެއް ޑޯޒް ފުރިހަމަކޮށްފަައިވަނީ އާބާދީގެ 85 އިންސައްތަ މީހުންނެވެ. ނަމަވެސް ސަރުކާރުން އަމާޒު ހިފާފައި އޮތީ މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުމެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 302،182 އަށް އަރާފައެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދަކީ 383،620 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން