ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް (ކ) އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް (ވ)
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް (ކ) އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް (ވ)
ރައީސުލްޖުމްހޫރިއްޔާގެ ޙައިސިއްޔަތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކުރަށްވާ ރަސްމީ ދަތުރުތަކުގައި ރައީސްގެ ޙައިސިއްޔަތުން އިސްލީޑަރަކަށް ބަދަލުވާ ގޮތާމެދު ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ސުވާލު އުފައްދަވައިފިއެވެ.

ދާދިފަހުން ރައީސް ޞާލިޙް ކޮޅުމަޑުލަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ޙައިސިއްޔަތުން އެ ރަށުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނާ ވަނީ ބައްދަލުކުރަށްވާފައެވެ. އެކަމާ ގުޅިގެން ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ދަތުރުފުޅުތަކުގެ ތެރެއިން ކުއްލިޔަކަށް އިސްލީޑަރެއްގެ ގޮތުގައި ފާޅުވުމަކީ އޮޅުން އަރާ ކަމެއް ކަމަށެވެ.

ދާދިފަހުން ޝިޔާމް ހިމެނިވަޑައިގަންނަވާ ގޮތަށް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލު ކުރެއްވުމަށް ރައީސްއޮފީހަށް ވަޑައިގެންފައެވެ. ނަމަވެސް އެމްޑީޕީގެ އެންމެ އިސްލީޑަރާ ބައްދަލު ކުރުމަށް ވަޑައިގެންނެވުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައްދަލު ކުރެއްވީ ޢަދާލަތު ޕާޓީގެ ބޭފުޅެއް ކަަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން އެމްޑީޕީގެ އޮފީހުގައި ޢަދާލަތު ޕާޓީގެ ބޭފުޅުން ނުތިއްބަވާނެ ކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ރައްދު ދެއްވައިފައެވެ.

ޝިޔާމް މިއަދު ވިދާޅުވީ، ރޮޒޭނާ ދައްކަވާ ވާހަކަ ދެކޮޅުޖައްސައި ދިމާކުރަން އުނދަގޫ ވަނީ ރަސްމީ ދަތުރު ތަކުގައިވެސް ކުއްލިޔަކަށް އިސްލީޑަރަކަށް ބަދަލުވާތީ ކަމަށެވެ.



ޝިޔާމަށް ދޫނުދެއްވައި ރައްދު ދެއްވަމުން ރޮޒޭނާ ވިދާޅުވީ، ޝިޔާމް ދައްކަވަނީ ހަމަޖެހޭ ވާހަކަފުޅެއް ނޫން ކަމަށާއި، ޝިޔާމް ވިދާޅުވާ ބައްދަލުވުމަކީ ތ. އަތޮޅުގެ ރައްޔިތުންނާއެކު ރައީސް ބޭއްވެވި ބައްދަލު ކުރެއްވުމެއް ނޫން ކަމަށެވެ. އަދި ކޮންމެތާކު ހުންނެވި ނަމަވެސް ރަސްމީ މަސައްކަތް ނިމުމުން ރައީސަށް އަމިއްލަ މަސައްކަތް ކުރެއްވޭނެ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ޝިޔާމަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ، އެމްޑީޕީގެ އިސް ލީޑަރާއި، އެމްޑީޕީގެ ރައީސާއި ބައްދަލު ކުރުމަށް ދާނީ އެމްޑީޕީގެ އޮފީހަށް ކަމަށާއި، އެ އޮފީހުން ޢަދާލަތު ޕާޓީގެ ބޭފުޅަކާ ދިމާ ނުވާނެ ކަމަށެވެ. އަދި ރައީސް އޮފީހުގައި އިންނަވާނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި އިންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އޭގެ އިތުރުން "މީ މުލީއާގޭގަ ޕީޕީއެމް ހިންގައި، ޗޮކްލެޓް ޕެކް ކުރާ ޒަމާނެއް ނޫން." ކަމަށްވެސް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން