ފުލުހުން ސީން އެއްގައި ހަރަކާތްތެރިވަނީ
ފުލުހުން ސީން އެއްގައި ހަރަކާތްތެރިވަނީ
ޓެލެގްރާމްގައި ބަރަހަނާ ނެޓްވޯކް ހިންގާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ހާޑްޑްރައިވުން މިލިއަނެއްހާ ފޮޓޯ ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ސައިބަރ ކްރައިމްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ، މއ. އިސްޕަންޖުގޭ މުހައްމަދު މަސާއިދު ބިން ސަމީއު، 36، ގެ ބަންދު އަމުރުގެ ކޮޕީއެއް "ރަސް އޮންލައިނަށް" ލިބިފައިވާއިރު، އެ އަމުރުގައި ވަނީ، އޭނާގެ އޮފީހުގައި އޮތް ދެ ޓީބީގެ ހާޑް ޑްރައިވަކުން މިލިއަނެއްހާ ފޮޓޯ އާއި ޕާސަނަލް ފައިލް ފެނިފައިވާ ކަމަށެވެ. އޭނާ ބަންދު ކޮށްފައިވަނީ މީހެއްގެ ފޯނެއް ހެކްކޮށް އެ ފޯނުގައި ހުރި ފޮޓޯތަކެއް ސޯޝަލްމީޑިއާއަށް ލީކްކޮށްލިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

ފުލުހުން ވަނީ މަސާއިދު ބޭނުންކުރި ކަމަށް ބުނާ އައިޕީ އެޑްރެސް މެދުވެރިކޮށް، ވިކްޓިމްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާއަށް ލީކްކޮށްފައިވާކަން އެނގޭ ސްނެޕްޝޮޓްތަކެއް ކޯޓަށް ހުށަހަޅައިފަ އެވެ. އޭގެ އިތުރުން އޭނާގެ އޮފީހުގައި ބޭނުންކުރާ ސިސްޓަމުގެ 2 ޓީބީ ހާޑް ޑްރައިވް ތަހުލީލުކުރުމުން 1 މިލިއަނަށްވުރެއް ގިނަ ފޮޓޯއާއި ފާސަނަލް ފައިލްސް ފެނިފައިވާކަމަށާއި, އޭނާގެ އޮފީހުގެ ވަތްގަނޑުގެ ތެރެއިން އިތުރު 2 ހާޑް ޑްރައިވް އަދި އޭނާގެ ގެއިން 7 ހާޑްޑްރައިވް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަސާއިދުގެ ވަކީލުން ވަނީ އޭނާ ބަންދުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައި ވާތީ، ޝަރުތުކޮށްފައި ނަމަވެސް ބަންދުން ދޫކޮށްލުމަށް އެދިފަ އެވެ. ނަމަވެސް މި މައްސަލައަކީ ގިނަ އަދަދެއްގެ ވިކްޓިމުން ހިމެނޭ މައްސަލައެއް ކަމަށް ވާތީ ޕީޖީން ވެސް ވަނީ ޝަރުތުކޮށްފައި ވެސް އޭނާ ދޫކޮށްލަން ދެކޮޅު ހަދައިފަ އެވެ.

މި މައްސަލާގައި ގާޒީ ނިންމަވާފައިވަނީ މަސާއިދު ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް އިތުރު ހަ ދުވަސް ދިނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން