ޝައިޚް ޢަލީ ޒައިދު، ރައީސް ނަޝީދު، ޑރ. އިޔާޒް
ޝައިޚް ޢަލީ ޒައިދު، ރައީސް ނަޝީދު، ޑރ. އިޔާޒް
މެއި ހައެއްގެ ޙަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ބަޔާން ނެގުމަށް ޕީޖީ އޮފީހާއި ފުލުހުންގެ ޓީމެއް އިނގިރޭސި ވިލާތަށް ދިއުމަކީ އިސްރާފެއްކަމަށް ޑރ. މުޙައްމަދު އިޔާޒާއި ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް މެއި 6 ގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ތަހުގީގަށް ދެއްވަންޖެހޭ ބަޔާން ދެއްވުމަށް ރައީސް މުހައްމަދު ނަޝީދު ހުންނެވީ ތައްޔާރަށްކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ބުނެފައެވެ. އެހެންކަމުން އެމަނިކުފާނުގެ ބަޔާން ނެގުމަށް ތަޙްޤީޤީ ޓީމެއް އިނގިރޭސި ވިލާތަށް ދިއުމަށް ތައްޔާރުވަމުންދާ ކަމަށް ވަނީ އަޑު ފެތުރިފައެވެ.

އެކަމާ ގުޅިގެން ޑރ. އިޔާޒު ވިދާޅުވީ، އެންމެ ފަރުދެއްގެ ބަޔާން ނެގުމަށް އެވަރުގެ ބޮޑު ޚަރަދެއް ކުރުމަކީ ވަރަށް ބޮޑު އިސްރާފެއްކަމަށެވެ. އަދި މިޒަމާނުގައި އޮންލައިންކޮށްވެސް މިފަދަ ކަންކަން ކުރެވޭނެ ވަސީލަތްތައް ތަނަވަސްވެފައިވާކަމަށް ޑރ. އިޔާޒު ވިދާޅުވެފައިވެއެވެ.

ޑރ. އިޔާޒްގެ އިތުރުން ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދުވެސް ވަނީ، އެންމެ ފަރުދެއްގެ ބަޔާން ނެގުމަށް ޕީޖީއާއި ޕޮލިސް ބޮޑު ޚަރަދެއް ކުރަންޖެހޭ ސަބަބާމެދު ސުވާލު އުފައްދަވާފައެވެ. އަދި ކޮވިޑާއި ގުޅިގެން ދައުލަތަށް މާލީ އެތައް ދައްޗެއް ކުރިމަތިވެފައި އޮތްއިރު، ދައުލަތުގެ ބޮޑު ޓީމެއް އިނގިރޭސި ވިލާތަށް ދާން ނުޖެހޭނެ ކަމަށާއި، ވަކީލެއްގެ އެހީގައި ބަޔާން ހުށަހެޅޭނެ ކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ.



އޭގެ އިތުރުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ، ބަޔާން ދޭންޖެހޭ ފަރާތުން ރާއްޖެ އަންނަން ބޭނުންނުވާނަމަ ދަޢުލަތުން ބޮޑު ޚަރަދުކޮށް އެބޭފުޅާގެ އަރިހަށް ދާން ނުޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާ އެގޮތަށް ޚަރަދު ނުކުރެވޭނެ ކަމަށާއި ޓީމެއް ދާނަމަ ދާންޖެހޭނީ ރައީސް ނަޝީދުގެ ޚަރަދުގައި ކަމަށް ޒައިދު ވިދާޅުވިއެވެ.

ރައީސް ނަޝީދު، މީގެ ކުރިން ވިދާޅުވެފައިވަނީ ބަސްފުޅަކަށްވެސް އަދި ބަޔާނަކަށްވެސް ދައްކަވަން އޮތީ، "ޖާނާއި ހިތާއި މޭ" ކަމަށެވެ. އަދި "ހިތާއި މޭ ހިބައިން ލިޔެ ދިނީމާވެސް ނުވީނޫންތޯ" އޭ ވިދާޅުވެ ރައީސް ނަޝީދު ވަނީ ސުވާލު އުފައްދަވާ ފައެވެ.

ބޮމުގެ ހަމަލާގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ވަކީލު، އަދި އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު މީގެކުރިން ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ބަޔާން ދެއްވާނީ މައްސަލައާ ގުޅޭ ލިޔުންތައް ލިބިވަޑައިގަތުމުން ކަމަށެވެ.

ނަމަވެސް ނާޒިމް އިއްޔެ ޕީޖީއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ބޮމުގެ ހަމަލާއާ ގުޅޭގޮތުން ބަޔާންދެއްވުމަށް ރައީސް ނަޝީދު ހުންނެވީ ތައްޔާރަށްކަމަށެވެ. އަދި ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެންގެވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު