ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް
ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް
ހައެއް މޭގެ ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ބަޔާނެއް ނެގުމަށް ޕީޖީއާއި ފުލުހުންގެ ޓީމެއް އިނގިރޭސި ވިލާތަށް ދާން ނިންމާފައިވާ ވާހަކައާއެކު ދީނީ ޢިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމައްސަލައިގައި ފާޑުވިދާޅުވަމުން، އަންހެނުން ހިތާނުކުރުމަށް ހިތްވަރު ދެއްވާ ކަމަށް ބުނެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރުގެ ވަޒީފާއިން ވަކި ކޮށްފައިވާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވިދާޅުވީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދުގެ ޝަރީޢަތް ހިންގަން ޔޫކޭއަށް ފަނޑިޔާރުން ގެންދަން ފެނިވަޑައިގަންނަވާ ކަމަށެވެ.

ޑރ. އިޔާޒް މިފަދަ މަލާމާތުގެ މޭރުމުން އެކަމަށް ފާޑުވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް މެއި 6 ގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ތަހުގީގަށް ނަގަންޖެހޭ ރައީސް ނަޝީދުގެ ބަޔާން ނެގުމަށް ތަޙްޤީޤީ ޓީމެއް އިނގިރޭސި ވިލާތަށް ދިއުމަށް ތައްޔާރުވަމުންދާ ކަމަށް އަޑު ފެތުރެމުން ދިއުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ރައީސް ނަޝީދުގެ ބަޔާން ނެގުމަށް ޔޫކޭއަށް ތަޙްޤީޤު ޓީމް ދިއުމަށް މަޝްވަރާކުރަމުންދާ ކަމަށް ބުނެ "ރަސް އޮންލައިން" އިން ރިޕޯޓްކޮށްފައިވާ ޚަބަރަށް ކުރެއްވި ކޮމެންޓެއްގައި ޑރ. އިޔާޒް ވަނީ، ޢަލީ ވަޙީދުގެ ޝަރީއަތް ހިންގަން ޔޫކޭއަށް ފަނޑިޔާރުން ގެންދަންވީ ނޫންތޯ އައްސަވައި ޕީޖީއަށް ފާޑުވިދާޅުވެފައެވެ.



ރައީސް ނަޝީދު، މީގެ ކުރިން ވިދާޅުވެފައިވަނީ ބަސްފުޅަކަށްވެސް އަދި ބަޔާނަކަށްވެސް ދައްކަވަން އޮތީ، "ޖާނާއި ހިތާއި މޭ" ކަމަށެވެ. އަދި "ހިތާއި މޭ ހިބައިން ލިޔެ ދިނީމާވެސް ނުވީނޫންތޯ" އޭ ވިދާޅުވެ ރައީސް ނަޝީދު ވަނީ ސުވާލު އުފައްދަވާ ފައެވެ.

ބޮމުގެ ހަމަލާގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ވަކީލު، އަދި އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު މީގެކުރިން ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ބަޔާން ދެއްވާނީ މައްސަލައާ ގުޅޭ ލިޔުންތައް ލިބިވަޑައިގަތުމުން ކަމަށެވެ.

ނަމަވެސް ނާޒިމް މިދިޔަ ބުރާސްފަތި ދުވަހު ޕީޖީއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ބޮމުގެ ހަމަލާއާ ގުޅޭގޮތުން ބަޔާންދެއްވުމަށް ރައީސް ނަޝީދު ހުންނެވީ ތައްޔާރަށްކަމަށެވެ. އަދި ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެންގެވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު