ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން
ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން
ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށް ކުރިޔަށްގެންދާ ޕްރޮގްރާމްގެ ދަށުން ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 15ވަނަ ދުވަހުގައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މި އުމުރުފުރާގެ ވެކްސިން ޖެހޭ 40 ހާހެއްހާ ކުދިން ރާއްޖޭގައި އެބަތިބި ކަމަށެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހު، 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ދާދިފަހުން ރައީސް ސާލިޙު ވަނީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ބޭނުންވާ މިންވަރަށް މިހާރު ރާއްޖެއަށް ވެކްސިން ލިބިފައިވާކަން އިޢުލާނު ކުރައްވާފައެވެ. އަދި 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމާއެކު ސަރުކާރުން އަމާޒުހިފީ މިދިޔަ އޯގަސްޓް މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށްވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުމެވެ. ނަމަވެސް ސަރުކާރުގެ އެ އަމާޒް ޙާސިލުކުރެވުނުކަން ކަށަވަރު ވެފައެއް ނުވެއެވެ.

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖެއަށް ވެކްސިންލިބި އަދި މިހާތަނަށް ވެކްސިން ޖެހޭ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގ ދީ ނިމިފައިވާއިރު މިއީ ރާއްޖެއަށްވުރެ ހުރިހާ ގޮތަކުން ކުރިއަރާފައިވާ ބައެއް ޤައުމުތަކާއި އަޅާބަލާއިރުވެސް ބޮޑު ކުރިއެރުމެކެވެ.

ކޮވިޑް-19 ވެކްސިން އޮގަސްޓް މަހުގެ ނިޔަވަލަށް ފުރިހަމަ ނުކުރާ މީހުންނަށް ސެޕްޓެމްބަރ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ކުރިން އަޅަން ނިއްމި ބޮޑެތި ފިޔަވަޅުތަކަށް ސަރުކާރުން މިހާރު ވަނީ ލުއިތަކެއް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން