އައިޖީއެމްއެޗް
އައިޖީއެމްއެޗް
ކޯވިޑް-19 އާ ގުޅިގެން ސިވިލްސާވިސްގެ ފަންނީ ވަޒީފާތަކުގައި ތިބި މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މަޑުޖައްސާލުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމުމާގުޅިގެން އައިޖީއެމްއެޗްގެ މުވައްޒަފުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލަށް ރިއާޔަތްކޮށް މަޤާމުގެ ކުރިއެރުން ދިނުން މެދުކަނޑާލަން ދަޢުލަތުގެ މާލީ ވުޒާރާއިން އެދިފައިވާތީ، ސަރުކާރުގެ މައި ހޮސްޕިޓަލްގެ މުވައްޒަފުން ސޮއިކުރަމުން ގެންދާ ޕެޓިޝަނުގައި ބުނެފައިވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ސިވިލްސަރވިސް މުވައްޒަފުންގެ ވަޒީފާގެ ކުރިއެރުން ދިނުން މަޑުޖައްސާލުމަށް ނިންމުމަކީ ބޭއިންސާފު ނިންމެވުމެއް ކަމަށް ދެކޭ ކަމަށެވެ.

މި ފިޔަވަޅަކީ ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ސިއްޙީ ދާއިރާގެ ފަންނުވެރިންނަށް އިތުރު ހިތްވަރެއް ނުވަތަ ކުރިއެރުމެއްގެ ބަދަލުގައި އެދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ މުވައްޒަފުންނަށް ދެވޭނެ އަދަބެއް ކަމަށް ޕެޓިޝަނުގައިވެއެވެ. އަދި މިހާރުވެސް ސިވިލްސަރވިސް މުވައްޒަފުންނަށް ދޭ މުސާރައަކީ ނިސްބަތުން ކުޑަ މުސާރައެއް ކަމަށާއި، އެކަމާގުޅިގެން އެ ހޮސްޕިޓަލުން ގިނަ ޢަދަދެއްގެ ފަންނީ މުވައްޒަފުން ވަކިވަމުން ދާކަންވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.

"މިފަދައިން މުވައްޒަފުން ވަކިވެގެންދާނަމަ، މިހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތަކަށް ބޮޑެތި ހީނަރުކަމެއް އައިސް ބައެއް ހިދުމަތްތައް ހުއްޓުމަކަށް އައުމަކީ ދުރު ކަމެއްކަމުގައި ނުފެނެއެވެ. އަދި ދިވެހި ރާއްޖޭގެ ސިވިލް ސާރވިސް ގަވައިދުގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ވަކި މުއްދަތަކަށް ވުރެ އިތުރަށް މަސައްކަތް ކުރުމުން ގްރޭޑްގެ އަދި މަގާމުގެ ކުރިއެރުން ލިބުމަކީ އެ މުވައްޒަފެއްގެ ހައްގެކެވެ." ޕެޓިޝަންގައި ބުނެފައި ވެއެވެ.

ވީމާ، ސިއްޙީ މުއްޒަފުންނަށް އޮނިގަނޑުގެ ތެރެއިން ލިބެންޖެހޭ، ހިދުމަތުގެ މުއްދަތަށާއި މަސައްކަތުގެ ފެންވަރަށް (ޕަރފޯމަންސް އެޕްރައިސަލަށް) ރިޢާޔަތްކޮށް ދެވޭ ގްރޭޑުގެ ކުރިއެރުން މަޑުޖެއްސެވުމަށް ނިންމެވުން އަލުން ރުޖޫޢަ ކޮށްދިނުމަށް ޕެޓިޝަންގައި ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން