ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް
ޚާއްސަ ޤާނޫނަށް ޢަމަލުނުކޮށް ޢާއްމު ޤާނޫނަކުން ގޮތް ނިންމުން ގޯސް ކަމަށް، ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޓެރަރިސްޓެއް ކަމަށް ތުހުމަތުކުރެވޭ ޏ. ފުވައްމުލައް / ކަރިއްޔާވިލާ، މުޙައްމަދު އަމީން ގެ މައްސަލާގައި ހައިކޯޓުގެ ނިންމުން ގޯސްކަން ފާހަގަކުރަށްވައި ޕީޖީ ޝަމީމް ޢާއްމު ކުރަށްވާފައިވާ ދިރާސާ ރިޕޯޓެއްގައި ވިދާޅުވެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޢާންމު އުޞޫލުތައް ބަޔާންކުރާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނު އޮއްވާ، ޚާއްޞަ ބައެއް ކުށްތަކަށް، ޚާއްޞަ ބައެއް އިޖުރާއަތު ހިމެނޭގޮތަށް ޚާއްޞަ ޤާނޫނު ހަދާފައި ހުންނަ ކަމަށެވެ. އެގޮތުން ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަކީވެސް ޚާއްސަ ޤާނޫނެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 28-1 ވަނަ މާއްދާ ފަށާ ޢިބާރާތުގައި އޮންނަނީ، "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް" މިހެން ކަމަށެވެ. އަދި ދައުވާ ކުރުމުގެ މުއްދަތުތައް ބަޔާންކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަމަށާއި، އެޢިބާރާތް އެގޮތަށް އޮތުމުން، އެމާއްދާގެ ބޭނުމަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮތް ދަޢުވާ ކުރުމާއި ތަޙްޤީޤު ކުރުމުގެ މުއްދަތުތައް، ޓެރަރިޒަމްގެ ކުށްތަކަށް ހިނގާނީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބުނާ ދަޢުވާ ކުރުމުގެ މުއްދަތުތަކަށް ކަމަށް ޝަމީމްގެ ދިރާސާގައިވެއެވެ.

"ހައިކޯޓުގެ ވިސްނުންފުޅު ރަނގަޅުނުވާ ސަބަބަކީ، ދައުވާކުރުމުގެ މުއްދަތުތައް ބަންދާ ގުޅުވައިގެން މާނަ ކުރެއްވީތީއެވެ. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބަންދާއި ދައުވާކުރުމުގެ މުއްދަތުތަކާ އޮތީ ވަރަށް ސާފުކޮށް ވަކި ކުރައްވާފައެވެ. މިއީ، އެއްކަމަކުން ތަރުތީބުވެގެން އަންނަ ދެ އިޖުރާއާތެއް ނޫނެވެ." ދިރާސާގައިވެއެވެ.

ޝަމީމް ވިދާޅުވީ، މުޙައްމަދު އަމީންގެ މައްސަލައިގައި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ކަނޑައެޅިގެން ވަކި މުއްދަތުތަކެއް ބަޔާންކޮށްފައި ވަނިކޮށް، އެޤާނޫނު ދޫކޮށް، ޢާންމު އިޖުރާއަތު ޤާނޫނަށް ރުޖޫޢަވުމަކީ، ސުޕްރީމް ކޯޓުން ކަނޑައަޅައިފައިވާ އުޞޫލާ ޚިލާފުވުން ކަމަށާއި، މިސަބަބަށްޓަކައި، ހައިކޯޓުން އަމީންގެ މައްސަލާގައި ނިންމެވި ނިންމެވުން ރަނގަޅު ނޫން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން