ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް
ސިވިލް ސާވިސް މުވައްޒަފުންނަށް މީސްމީޑިއާގައި މިހާރު އިރުޝާދުތައް ދެމުންދަނީ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއަކުންނޫން ކަމަށާއި މުވައްޒަފުން ޚިޔާލުފާޅުކުރުމުގައި ޚިދުމަތްތައް މެދުނުކެނޑޭނެގޮތަށް އަމަލުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ސީއެސްސީން މިމޭރުމުން އިލްތިމާސްކޮށްފައިވަނީ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅުވައިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ޝުޢޫރުތަކާއި، މިކަމާ ގުޅިގެން އިހުތިޖާޖުކުރުމުގެ ގޮތުން ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލައި، ސޯޝަލް މީޑިއާގައި ހާމަކުރަމުންދާ ޕޯސްޓްތަކާ ގުޅޭގޮތުން އެ ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ބުނީ އެ ކޮމިޝަނުން އަބަދުވެސް މަސައްކަތްކުރަމުންދަނީ، ސިވިލް ސަރވިސް މުވައްޒަފުންގެ އަޑުއަހައި، މުވައްޒަފުންނާ ގާތުން މަސައްކަތްކޮށް، މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުން ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކަމަށެވެ.

އެގޮތުން، ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި، މުވައްޒަފުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި، ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތައް ދެނެގަނެ، ޤާނޫނާއި ގަވާއިދުގެ ތެރެއިން އެ މައްސަލަތަކަށް ޙައްލު ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅުމުންދާ ކަމަށް ސީއެސްސީގެ ބަޔާނުގައިވެއެވެ.

ސީއެސްސީން ބުނީ، މިހާރަކަށް އައިސް، އެކި ނަންނަމުގައި ވަކި ބަޔަކު ނޭނގޭގޮތަށް، ކޮމިޝަނުގެ "ލޯގޯ" ބޭނުންކޮށްގެން، ސިވިލްސަރވިސްގެ މުވައްޒަފުންގެ ހައްޤުތައް ދިފާޢުކުރުމަށް ޓަކައި ކަމުގައި ބުނެ، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގެ އެކިއެކި އޮޅިތައް މެދުވެރިކޮށް ޙަރަކާތްތެރިވަމުންދާ ކަމަށެވެ. މި ގޮތުން "ދިވެހި ސިވިލް ސަރވަންޓްސް އެސޯސިއޭޝަން" ގެ ނަމުގައި މީސްމީޑިއާގައި މިހާރު ޙަރަކާތްތެރިވާ ފަރާތަކީ، ގަވާއިދުން ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއް ނޫންކަމަށްވެސް އެބަޔާނުގައިވެއެވެ.

"މިފަދައިން ވަކި ބަޔަކު ނޭނގޭގޮތަށް އެ ފަދަ ފަރާތްތަކުން ހިންގާ ޙަރަކާތްތަކާއި، ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް ސިވިލް ސަރވިސް މުވައްޒަފުން އަމަލުނުކުރުމަށް ކޮމިޝަނުން އިލްތިމާސްކުރަމެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ދޮރު އަބަދުވެސް ހުޅުވިފައި ހުންނަ ހިނދު، ޤާނޫނުން ލިބިދޭ ހައްޤުތައް ބޭނުންކުރުމުގައި ވެސް، ސަރުކާރުގެ އިދާރާތަކުން ދެމުންދާ ޚިދުމަތްތައް މެދުނުކެނޑޭނެގޮތަށް އަމަލުކުރުމަށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށް ކޮމިޝަނުން ނަސޭޙަތްތެރިވަމެވެ." ކޮމިޝަންގެ ބަޔާނުގައިވެއެވެ.

ކޮމިޝަންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާ އިނާޔަތްތަކާ ގުޅުވައިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން، ސޯޝަލް މީޑިއާގައި ވަކި ބަޔަކު ނޭނގޭގޮތަށް ޙަރަކާތްތެރިވާ ފަރާތްތަކުން ފަތުރާ މަޢުލޫމާތުތައް މީޑިއާތަކުން އާންމުކުރުމުގައި، ކަމުގެ ހަޤީޤަތް ސާފުކުރުމާއެކު މަސްލަޙަތު ނުގެއްލޭގޮތަށް ރިޕޯޓުކުރުމަކީ ކޮމިޝަނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އަދި ސިވިލް ސަރވިސްގެ މުވައްޒަފުން މެދުވެރިކޮށް ސަރުކާރުން ރައްޔިތުންނަށް ދެއްވަމުންގެންދަވާ ޚިދުމަތްތައް ދިނުމުގައި، ހުރިހާ މުވައްޒަފުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި އެކޮމިޝަނުން ވަނީ ޝުކުރު ދަންނަވާފައެވެ. އަދި، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރުމުގައި ކޮމިޝަނުން ދެމިތިބޭނެކަމުގެ ޔަޤީންކަން ވެސް އެ ކޮމިޝަނުން އަނީ އަރުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން