ރައީސް ޔާމީންގެ އިސްތިއުނާފް ޝަރީޢަތް ސުޕްރީމް ކޯޓުގައި ކުރިޔަށް ދަނީ
ރައީސް ޔާމީންގެ އިސްތިއުނާފް ޝަރީޢަތް ސުޕްރީމް ކޯޓުގައި ކުރިޔަށް ދަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅީ ގާނޫނާ ހިލާފަށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިޔަށްދަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރެއްވި އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދެއްވުމެވެ. ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކުރުމަށް ނެންގެވި 22 ނުކުތާ ހުށަހަޅައި ނިންމަވާލެއްވިއިރު އެކަމަށް ސުޕްރީމްކޯޓުގައި ފަސް އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ފާހަގަ ކުރީ ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސައަކީ ފަނޑިޔާރުންގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދާ ހިލާފަށް ކޮށްފައިވާ އިސްތިއުނާފެއް ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ ހައި ކޯޓުގައި ހިނގި މައްސަލައިގައި ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކަމެއް ކޮށްފައި އޮތްނަމަ އެކަމެއް ކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ.

ނަމަވެސް ރައީސް ޔާމީންގެ ފަރާތުން އެފަދަ ކަމެއް ފާހަގަކޮށްފައި ނެތްކަމަށް ދައުލަތުން ބުންޏެވެ. ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކާ ހަވާލާދީ ދައުލަތުން ބުނީ، ހައި ކޯޓުގައި އެއްވެސް ވަރަކަށް ނުދައްކާ ހުރި ވާހަކަތަކެއް ސުޕްރީމް ކޯޓުގެ އިސްތިއުނާފީ މަރުޙަލާގައި ނުދެއްކޭނެ ކަމަށެވެ.

މި މައްސަލާގައި ރައީސް ޔާމީންވެސް އަދި ދައުލަތުންވެސް ވަނީ އާ ހެކި ހުށަހަޅަން ބޭނުންވާކަން ހާމަކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އޭގެފަހުން އެމަނިކުފާނާއި ގުޅޭ އިތުރު މައްސަލަތަކެއްވެސް ކޯޓަށް ވަނީ ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން