ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް މިއަހަރު 843,552 ފަތުރުވެރިން ޒިޔާރަތްކޮށް އަމާޒަށް ވާސިލުވުމުގެ އުއްމީދު ވަރަށް ބޮޑަށް އާކޮށްދީފިއެވެ.



ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުވެސް ރާއްޖެއަށް 87,586 ފަތުރުވެރިން މިހާތަނަށް ވަނީ ޒިޔާރަތް ކޮށްފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަޢުލޫމާތު ހާމަކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް 843,552 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިދިޔަ އޯގަސްޓްމަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 143،599 ފަތުރުވެރިންނެވެ. ޖެނުއަރީމަހު ރާއްޖެއަށް 92،103 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ފެބްރުއަރީމަހު 96،882 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ.

އަދި މާރޗް މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 109،585 ފަތުރުވެރިންނެވެ. އޭޕްރީލް މަހު 91،200 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މެއި މަހު ރާއްޖެއަށް ޒިޔާރަތް ކުރީ، 64،613 ފަތުރުވެރިންނެވެ. މީގެއިތުރުން ޖޫން މަހު 56،166 ފަތުރުވެރިން އަދި ޖެހިގެންއައި ޖުލައި މަހު 101،818 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އެޤައުމުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރި ނިސްބަތް 22.7 އިންސައްތައިގައި ހުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން ޙިއްސާކުރަނީ 19.9 އިންސައްތަ ފަތުރުވެރިންނެވެ. މިއަހަރު އެވްރެޖްކޮށް ރާއްޖެއަށް ދުވާލަކު ޒިޔާރަތް ކޮށްފައިވަނީ، 3،183 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ 882 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން 156 ރިސޯޓަކާއި، 144 ސަފާރީގެ އިތުރުން 10 ހޮޓަލަކާއި، 572 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެެވެ. މިއީ 51،038 ބެޑް ކެޕޭސިޓީއެވެ. އަދި ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީއަކީ 36،912 އެވެ.

ސަރުކާރުން ލަފާކޮށްފައިވަނީ، މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށެވެ. މީގެއިތުރުން މިއަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް ފަތުރުވެރިކަމުގެ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. މައުސޫމް ވިދާޅުވެފައިވަނީ، މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 93 އިންސައްތަ މުވައްޒަފުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން މިހާތަނަށް 99 އިންސައްތަ މުވައްޒަފުން ވަނީ ފުރަތަމަ ޑޯޒް ޖަހައިފައެވެ. ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ރިސޯޓްތަކުގައި މުޅި ޖުމްލަ 41،431 މުވައްޒަފުން މަސައްކަތްކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން