ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުން
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުން
ހެއްކާބެހޭ ބިލްގައި މަސްދަރުހާމަކުރުން މަޖުބޫރުކުރުމަކީ ޤާނޫނުއަސާސީގެ ރޫޙާ ޚިލާފު ކަމެއްކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފިއެވެ.

ބްރޯޑްކޮމް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ, މަސްދަރު ހާމަކުރުމަށް ބާރުއަޅާ، ސަރުކާރުގެ ފަރާތުން ހެއްކާބެހޭ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، އާލާކުރުމަށް ކުރަމުންދާ މަސައްކަތަށް އެޅިގެންދާނެ އިއާދަނުކުރެވޭނަފަދަ ގެއްލުމަކަށް ވެދާނެތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

އަލަށް ހުށަހެޅި ހެއްކާ ބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގައި ބަޔާންކުރަނީ، ކޯޓުން ކަނޑައަޅައިފިނަމަ ބައެއް ހާލަތްތަކުގައި ނޫސްވެރިން ޢާންމުކުރާ ޚަބަރުތަކުގެ މަސްދަރު ހާމަކުރުން ލާޒިމުވާނެ ކަމަށެވެ. ބްރޯޑްކޮމް އިން ބުނީ ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް ޤާނޫނުއަސާސީގެ 28ވަނަ މާއްދާގައި ބަޔާންކޮށްފައި ވާކަމަށެވެ.

"ހެއްކާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ މި އިސްލާޙްގެ ސަބަބުން ޤާނޫނުއަސާސީގެ ރޫހާ ޚިލާފުވެއެވެ." ބްރޯޑްކޮމްގެ ބަޔާނުގައިވެއެވެ.

ބްރޯޑްކޮމްގެ ބަޔާނުގައި ބުނެފައިވަނީ, ނޫސްވެރިކަމުގެ މިނިވަންކަމަށް ހަނިކަން އަންނަ ކޮންމެ ކަމަކީ، މި ދާއިރާއިން ދިވެހިރާއްޖެ ހޯދައިފައިވާ ކާމިޔާބީއާ ކުރިއެރުންތައް، އެތައް ދަރަޖައަކަށް ސޮއްސާލައި، ނޫސްވެރިކަމުގެ އަސާސްތަކާއި، ބައިނަލްއަޤްވާމީ މިންގަޑުތަކަށް ޖެހޭ ގޮންޖެހުމެއް ކަމަށެވެ.

އެހެންކަމުން، މިނިވަން ނޫސްވެރިކަމަށް ހީނަރުކަން އަންނާނެ މި އިސްލާޙް އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލައި، ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަރުވައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި އެކޮމިޝަން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށާއި މީޑިއާގެ އެންމެހާ ފަރާތްތަކަށް އެ ކޮމިޝަނުން ވަނީ އަރުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން