އަލީ ވަހީދު
އަލީ ވަހީދު
މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މަޤާމުން ވަކިކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދަން ސުޕްރީމް ކޯޓުން ކުރިމިނަލް ކޯޓުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފި އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަަވައިގެން ޝަރީއަތުގައި ބައިވެރިވެވޭ ގޮތަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފު ކުރުމުން މިއަދު ނެރުނު އަމުރެއްގަ އެވެ. މި ވަގުތީ އަމުރު ނެރެފައިވަނީ ސުޕްރީމް ކޯޓުން މައްސަލާގައި ގޮތެއް ނިންމެންދެނެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ އަލީ ވަހީދުގެ މައްސަލައިގައި ވެސް އަދި ކްރިމިނަލް ކޯޓުން ބަލާ އެއްވެސް މައްސަލައެއްގައި ވެސް ދައުވާ ލިބޭ ފަރާތް ރާއްޖޭގެ އިޚްތިޞާޞުން ބޭރުގައި ވަނިކޮށް، ޝަރީއަތް އޯޑިއޯ/ވީޑިއޯކޮށް ކުރިއަށް ނުގެންދިޔުމަށް އަންގާފައެވެ. އަލީ ވަހީދުގެ ޝަރީއަތުގެ އިތުރުން އެހެން އެއްވެސް ޝަރީއަތެއް ވެސް އެގޮތަށް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ވަގުތީ އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

މި މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވާން އަލީ ވަހީދަށް ޗިޓު ފޮނުވުމުން ހާޒިރުވެފައި ނުވާތީ މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ އޭނާ އެ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައި 2 މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.

އަލީ ވަހީދު އިނގިރޭސިވިލާތުގައި އުޅުއްވާއިރު، އޭނާއާ ދެކޮޅަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް އޭނާ ރާއްޖެ އައިސްފައި ނުވާތީ އެމައްސަލަތައް ކުރިއަށްގެންދެވޭ ގޮތެއް ނުވެއެވެ.

އަލީ ދާދިފަހުން ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތު ތަކަކުން ބަރީއަވެ އޭނާގެ ކުށެއް ނެތްކަށް ހާމަކުރުމަށް ނޫސްވެރިން މެދުވެރިކޮށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާ ނޫސްވެރިންނާ ބައްދަލުކޮށް މުޅިން ވެސް ގޯސް ކުރީ ރައީސުލްޖުމްހޫރިއްޔާއާއި ޕީޖީ ޝަމީމާއި ޖުޑިޝަރީއާއި ފުލުހުންނާ ކޯޓުތަކާއި ސިޔާސީ ފަރާތްތަކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން