ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފެއް×
ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފެއް×
ވާރލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްއިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ބޭންކް އޮފް މޯލްޑިވްސް އަށް ލިބިއްޖެއެވެ.

ބީއެމްއެލުން އޮންލައިންކޮށް ބައިވެރިވި މިއެވޯޑް ހަފްލާގައި ބޭންކުގެ ފަރާތުން މި ޝަރަފުވެރި އެވޯޑާ ހަވާލުވެވަޑައިގެންނެވީ ހެޑް އޮފް ޓެލެންޓް އެންޑް ޓޯޓަލް ރިވޯޑްސް، މުޙައްމަދު މާއިޒާއި ހެޑް އޮފް ބްރާންޗެސް އެންޑް ސަރވިސް ސެންޓަރސް، ޙުސައިން ރަޝީދު އަދި ހެޑް އޮފް ކަސްޓަމަރ ޕޭމަންޓްސް އެންޑް ސެޓްލްމަންޓް ހުޒާތު ޢަލީއެެވެ. މިއީ ބީއެމްއެލަށް މި އެވޯޑް ލިބުނު ހަތަރު ވަނަ ފަހަރުކަމަށް ވެސް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ސަބަބުން އޭޝިޔާ ސަރަހައްދުގައި ވަޒީފާ އަދާކުރުމަށް އެންމެ ރަނގަޅު އެއްކުންފުންޏަށް ބޭންކް ވަނީ ހޮވިފައެވެ. މީގެ އިތުރުން މުޅި ދުނިޔެއަށް ދިމާވި ދަތި އުނދަގޫ ހާލަތުގައިވެސް މުވައްޒަފުންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ބޭންކުން ކޮށްފައިވާ މަސައްކަތްތައް ވަނީ މި ހަފްލާގައި ފާހަގަކޮށްފައެވެ.

ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އެެވޯޑަކީ މުވައްޒަފުންނާ ގުޅޭ ކަންކަމުގައި މުވައްސަސާތަކުން އަމަލުކުރަމުންދާ އެންމެ ރަނގަޅު ސިޔާސަތުތަކަށް ރިއާޔަތްކޮށް އެކިއެކި ދާއިރާތަކަށް ބަލައިގެން ކޮންމެ އަހަރަކުވެސް ދޭ އެވޯޑެކެވެ. ހިއުމަން ރިސޯސް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަރާތްތަކެއް ޖަޖިން ޕެނަލްގައި ހިމެނޭ މިއެވޯޑް ދިނުމުގައި ބަލާ ކަންކަމުގެ ތެރޭގައި ކުންފުނިތަކުން އެޗް.އާރު ގެ ދާއިރާއިން ހޯދައިފައިވާ ކާމިޔާބީތައް ހިމެނެއެވެ.

"ހަތަރު ވަނަ ފަހަރަށް މި އެޥޯޑް ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. ކޮވިޑް-19 ގެ ސަބަބުން ބޭންކުގެ އޮޕަރޭޝަންތަކަށް ކުރި ނޭދެވޭ އަސަރާއެކު އެންމެ މުހިންމު އަމާޒަކަށްވީ އަޅުގަނޑުމެންގެ ސްރެޓަޖީގައި ކަނޑައަޅާފައިވާ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާއަށް ޝައުގު އުފައްދާ ވަޒީފާގައި ދެމެހެއްޓުން." ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރ ސަހާ ވަހީދު ވިދާޅުވިއެވެ.

ހިއުމަން ރިސޯސް ސްޓްރެޓަޖީގެ ދަށުން އެންމެ މުހިންމު އިސްކަމެއްދެނީ ބޭންކަކީ މުވައްޒަފުން މަސައްކަތްކުރަން ޝައުގުވެރިވާ ކުންފުންޏަކަށް ހެދުމާއެކު މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުމާއި އަމިއްލަ ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްކަން ފާހަގަކުރައްވައި ސަހާ ވިދާޅުވީ މި އެވޯޑް ބޭންކަށް މިފަހަރުވެސް ހޯދައިދިނުމަށްޓަކައި ޓީމުން ވަނީ ވަރަށް ބުރަ މަސައްކަތް ކޮށްފައި ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާގެ ފުރުސަތު ފަހިކޮށްދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.

އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް ތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.

ބީއެމްއެލްގައި އެންމެ ރަނގަޅަށް ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑް އަދި ލޯންގް ސަރވިސް އެވޯޑް ފަދަ އެކި ހަރަކާތްތައް ބާއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން