ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި (ވ)، މއ. ވީނަސްތަރި ހަސަން ޝިމާޒް (ކ)
ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި (ވ)، މއ. ވީނަސްތަރި ހަސަން ޝިމާޒް (ކ)
ސ. ހިތަދޫ ވަރުދީގެ، އަހްސަން ބަޝީރު މަރާލި މައްސަލާގައި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި، މއ. ވީނަސްތަރި ހަސަން ޝިމާޒްގެ މައްޗަށް އަދަބު ކަނޑައެޅުމުގެ އަޑުއެހުމުގައި އަދަބާމެދު ވާހަކަދެއްކުމުގެ މަޖިލީސް ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ޝަހުމް އާއި ޝިމާޒަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މިއަދު ބޭއްވި އަދަބު ކަނޑައެޅުމުގެ މަޖިލީހުގައި ދަޢުލަތުން ވަނީ މިހާރު އަމަލުކުރާ ޤާނޫނުލް އުގޫބާތަށް ރިޢާޔަތްކޮށް ޝަހުމްއަށް މަރުގެ އަދަބު ކަނޑައަޅައިދިނުމަށް އެދިފައެވެ. އަދި އަހުސަންގެ ހުރިހާ ވާރިސުންވެސް އެދިފައިވަނީ، ޝަހުމް އަށް މަރުގެ އަދަބު ދިނުމަށެވެ.

މީގެ އިތުރުން ޝިމާޒަށް 17 އަހަރާއި ހަ މަހުގެ ޖަލު އަދަބެއް ދިނުމަށްވެސް ދަޢުލަތުން އެދިފައިވެއެވެ. ޝިމާޒް ވަނީ ޙަމަލާގައި ހަމައެކަނި އޭނާގެ ބައިވެރިވުމަކީ ސައިކަލްގައި އެތަނަށް ޝަހުމް ގެނައުމާއި، ގެންދިއުން ކަމަށް ދަޢުލަތުން ބުނާތީ ވީހާވެސް ލުއި އަދަބެއް ދިނުމަށް އެދިފައެވެ. ފަނޑިޔާރުން މިއަދު ވިދާޅުވީ މައްސަލައިގެ އަދަބު ކަނޑައެޅުމަށް ބާއްވާ މަޖިލިސް ފަހުން ބާއްވާނެ ކަމަށެވެ.

މި މައްސަލައިގެ ކުށް ސާބިތުވާކަމަށް ނިންމާފައިވާއިރު، 10 ދުވަސް ތެރޭގައި މި މައްސަލައިގެ އަދަބު ކަނޑައަޅައި ސުޕްރީމް ކޯޓުގައި މި މައްސަލަ ނިންމަންޖެހެއެވެ. އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ނިޔާޒް އާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.

ތޫނު އެއްޗަކުން އަހްސަންގެ ކަރަށް ހަމަލާދީ މަރާލީ މަޖީދީމަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުން އޭނާ ހިނގާފައި ދަނިކޮށް 2011 ވަނަ އަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހު އެވެ. އަހްސަނަށް ހަމަލާދިނުމުން އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން އެރޭ މެންދަމު 3:30 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

އަހުސަން މަރާލި މައްސަލާގައި ދައުލަތުން ޝަހްމުގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ވަނީ އުފުލާފައެވެ. ޝިމާޒުގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެހެން ނަމަވެސް އެ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އެހުކުމާއި ގުޅިގެން ޝިމާޒު ވަނީ ބަންދުންވެސް ދޫކޮށްލާފައެވެ. އެހެން ނަމަވެސް މަރުގެ އެހެން މައްސަލައެއްގައި ޝަހުމް ގެންދަނީ އުމުރު ދުވަހުގެ ޖަލުގެ ހުކުމެއް ތަންފީޒުކުރަމުންނެެވެ. އެއީ 2010 ވަނަ އަހަރު ޔޫތު ސެންޓަރު ކައިރީގައި އޮތް ފުޓްބޯޅަ ދަނޑެއްގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރުވި މައްސަލާގަ އެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ އަހުސަނަށް ހަމަލާދިނީ ޝަހުމް ކަމާއި ޝަހުމް ގޮވައިގެން ސައިކަލުގައި ދިޔައީ ޝިމާޒް ކަމަށް ހެކިންގެ ހެކި ބަހުން އެނގޭ ކަމަށެވެ. ހެކި ބަހުގައި ފުށުއެރުންތައް ހުރި ނަމަވެސް އެއީ މާބޮޑު ހިލާފުތަކެއް ހުރި ހެކި ބަސް ތަކެއް ނޫން ކަމަށް އެ ހުކުމުގައި ބުނެފައިވެއެެވެ.

ހައިކޯޓުގެ ހުކުމްގައި އިތުރަށް ބުނެފައިވަނީ ހޮސްޕިޓަލްގައި މަރު މަތީގައި އޮވެގެން ޝަހްމު ހަމަލާ ދިންކަމަށް އަހްސަން ބުނި ކަމަށް ބުނެ ބައެއް މީހުން ހެކިބަސް ދީފައިވާ ކަމަށެވެ. އެފަދަ ހެކިބަސް ޝަރުއީ ދާއިރާގައި ބޭނުންކުރަނީ އިވުނު އަޑުގެ ހެކިބަސް ނުވަތަ ހިއަ ސޭ އެވިޑެންސްގެ ގޮތުގަ އެވެ. ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ އެފަދަ ހެކި ބަހަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބަލައިގަނެ އަދި ރާއްޖޭގެ ހެއްކާ ބެހޭ ގާނޫނުގެ ދަށުން ވެސް ބަލައިގަނެވޭ ހެއްކެއް ކަމަށެވެ.

މިއީ މަރުމަތީގައި މީހަކު ބުނި ބަހަކަށް ނުވަތަ ޑައިން ޑިކްލަރޭޝަނަށް ބިނާކޮށް ރާއްޖޭގައި މަރުގެ ދައުވާއެއް އުފުލައި ކުށް ސާބިތުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން