އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ
އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ
ދަޢުލަތުގެ އިދާރާތަކުގެ ފައިސާގެ މަސައްކަތްތައް ކޮމްޕިއުޓަރައިޒް ކުރަންޖެހޭ ކަމަށް އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީހުގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމުގެ ޙަފްލާގައި ވާހަކަ ދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ސަރުކާރުގެ ހުރިހާ އިދާރާތަކެއް ބަންދުކޮށް ލޮކްޑައުންގައި ވުމުން ގިނަ ދުވަސްތައް މަސައްކަތްނުކުރެވި ދިޔަކަމަށެވެ. މީގެ އިތުރުން، އެއް ރަށުން އަނެއް ރަށަށް ދަތުރުނުކުރެވުމުގެ ސަބަބުން އިދާރާތަކަށް ގޮސްގެން އޮޑިޓްކުރުމުގެ މަސައްކަތް ހުއްޓާލަން ޖެހުނުކަން ނިޔާޒީ ފާހަގަ ކުރެއްވިއެވެ.

ނިޔާޒީ ވިދާޅުވީ އެގޮތަށް އެކަން ދިމާވީ އަތޮޅުތަކުގެ ގިނަ މުއައްސަސާތަކުގައި ހިސާބުކިތާބު ބަލަހައްޓަނީ ފޮތްފޮތުގައި ލިޔެގެން ކަމަށްވާތީ ކަމަށާއި، ފުރަބަންދުގެ ހާލަތުގައި މަސައްކަތް ކުރިއަށް ގެންދަންޖެހުނު ގޮތުން ތަޖުރިބާކުރެވުނު އެންމެބޮޑު އެއްކަމަކީ، ފައިސާ ބެލެހެއްޓުމުގެ ކަންތައްތައް ހަރުދަނާކޮށް އަދި ބޭނުންތެރި އެންމެހައި މަޢުލޫމާތުތައް ސްކޭންކޮށް ފަސޭހައިން ލިބޭނެ ގޮތަށް ރައްކާކުރުމުގެ ހުރި މުހިންމުކަން ކަމަށެވެ.

"އެހެންކަމުން، މިހާރު ބޭނުންކުރާ ނިޒާމު އިތުރަށް ހަރުދަނާކޮށް، ހުރިހައި މަޢުލޫމާތުތަކެއް ކޮމްޕިއުޓަރައިޒްޑް ސިސްޓަމެއްގެ ތެރެއިން ބެލެހެއްޓުމަކީ ވަރަށް މުހިންމުކަމެއްކަން ފާހަގަކުރަން. މިކަމަށްޓަކައި، ކަމަށް އެކަށޭނަ ތަމްރީނު ދެވިފައިވާ މުވައްޒަފުން ބޭނުންވާނެ. މިގޮތުން ފިނޭންސް މިނިސްޓްރީއާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީއާއި ކަމާ ގުޅުން ހުރި އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމަށާއި، އަދި އަތޮޅުތަކުގެ މުއައްސަސާތަކުގެ އެކައުންޓިންގ ސިސްޓަމްތައް ތަރައްޤީކުރުމަށް ޓަކައި ބޭނުންވާ އެހީތެރިކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދެމުން ގެންދާނެކަން، މި ފުރުޞަތުގައި ދަންނަވަން." ނިޔާޒީ ވިދާޅުވެފައިވެއެވެ.



ނިޔާޒީ ވިދާޅުވީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީސް ހުޅުވުމުގެ ސަބަބުން، ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި، އެ ސަރަޙައްދުގެ އޮފީސްތަކުން ކުރީން ފެންނަމުން ދިޔަ ވަރަށް ގިނަ މައްސަލަތައް މަދުވެއްޖެ ކަމަށެވެ.

އަދި ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކުގެ މަސްއޫލުވެރިން އޮޑިޓުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށާއި، މާލީ ކަންކަން ހަރުދަނާކޮށް ހިންގެވުމުގައި ޖަވާބުދާރީވެވަޑައިގެން ޒިންމާ ނެންގެވުމަށާއި، އިސްރާފާއި ކޮރަޕްޝަނާއި ޚިޔާނާތް މަދުކުރުމަށް މަސައްކަތްކުރައްވައި، ރައްޔިތުންނާއި ޤައުމު އެދޭ ފާގަތި މުސްތަޤްބަލަށްޓަކައި ރައްޔިތުންގެ މުދަލާއި ފައިސާ ހެޔޮގޮތުގައި ބޭނުންކުރެއްވުމަށް ނިޔާޒީ ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން