ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން
މަތީ ކޯޓެއްގެ ޙުކުމަށް ދަށު ކޯޓަކަށް ޗެލެންޖް ކުރެވިގެން ނުވާނެ ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.

މުހުތާޒް މިމޭރުމުން ވިދާޅުވެފައި ވަނީ ދިޓީވީގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދިން މީހާ ދޫކޮށްލި މައްސަލާގައި ހައިކޯޓުން ކޮށްފައިވާ އަމުރުގެ ރޫހާއި ހިލާފަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމެއް ކުރުމާ ގުޅިގެންނެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުގެ ގާޒީކަމާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރަށްވާފައިވާ މަޝްހޫރު ޤާނޫނީ ވަކީލް އަލްއުސްތާޛު މުޙުތާޒު މުހުސިން ވިދާޅުވީ، މަތީ ކޯޓުގެ ޙުކުމްތަކަށް ދަށުކޯޓުތަކުގެ ފަޑިޔާރުންނަށް ޗެލެންޖް ކުރެވިގެންނުވާނެ ކަމަށެވެ. އަދި ޖިނާއީ އަދުލްގެ ނިޒާމް ގަޑުބަޑު ކުރުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށްވެސް މުހުތާޒު ވިދާޅުވިއެވެ.

"މިހާ ސާފު މައްސަލައެއްގައި މަތީ ކޯޓެއްގެ ހުކުމަށް މިބީދައިން ދަށުކޯޓެއްގެ ފަނޑިޔާރަކަށް ޗެލެންޖް ކުރެވިގެން ނުވާނެ. ޖިނާއީ އަދުލްގެ ނިޒާމް ގަޑުބަޑު ކުރުމުގެ ފުރުސަތު މިގޮތަށް ދެވިގެންނުވާނެ. މިމައްސަލަ ކަމާއި ބެހޭ ފަރާތްތަކުން ބައްލަވާ ފިޔަވަޅު އަޅުއްވަން ޖެހޭ." ޖޭއެސްސީ އާއި ރައީސް އޮފީސް ޓެގް ކުރަށްވައި މުހުތާޒް ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް މީޑިޔާގެ ކައުންސިލްގެ ކުރީގެ މެމްބަރު މަސްއޫދަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލަން ކުރިހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ބާތިލްކޮށްފަ އެވެ.

ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށް، ހައިކޯޓުން ހުކުމް ކުރުމުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވަނީ ހައިކޯޓުގެ އަމުރާއި އެއްގޮތަށް އެމީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓްގައި އެދިފަ އެވެ. އެހެންނަމަވެސް އެކޯޓުން ވަނީ ހައިކޯޓުގެ އަމުރުގެ ރޫހާއި ހިލާފަށް އަނެއްކާ ވެސް އޭނާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ހުކުމްކޮށްފަ އެވެ.

މިމައްސަލާގައި ދައުލަތުން ހައިކޯޓުގައި ބުނެފައިވަނީ މަސްއޫދަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ލ. ފޮނަދޫ ދިލްކުޝާގޭ، އަހުމަދު ޝަމީމް ދޫކޮށްލާފައި ވަނީ ގާނޫނު އަސާސީއާއި ހިލާފަށްކަމަށާއި މިހާރުވެސް މިމީހާއަށް މިފަދަ މައްސަލައެއް ތުހުމަތު ކުރެވި ތަހްގީގް ކުރެވުމުންދާ ކަމަށާއި މިއީ ސިލްސިލާ ގޮތެއްގައި ކުރިއަށްދާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

މި މީހާއަކީ މިދިޔަ ޑިސެމްބަރު މަހު ލ. އަތޮޅުގައި އޮންނަ މަސްއޫދުގެ ކާރުގައި ރޯކޮށްލި މައްސަލާގައި ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ ފަރާތެވެ. އެމައްސަލާގައި ވެސް ފުލުހުން ވަނީ އަހުމަދު ޝަމީމްގެ ފޯނު ހިފަހައްޓާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން