ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް މ.ބާރަނާގެ މަރްޔަމް މުނާ (ވ)
ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް މ.ބާރަނާގެ މަރްޔަމް މުނާ (ވ)
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްގެ މަޤާމަށް މ. ބާރަނާގެ މަރްޔަމް މުނާ އަދި އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް މއ. މާވެޔޮގެ ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲ ޢައްޔަންކުރައްވައިފިއެވެ.

މި ބޭފުޅުން މި މަޤާމުތަކަށް ޢައްޔަންކުރައްވާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ. އެޗްއާރްސީއެމްގެ ރައީސް ކަމަށް މުނާ އަދި ނައިބު ރައީސް ކަމަށް އަދުހަމް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

މަރްޔަމް މުނާ މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައި ވަނީ އޮސްޓްރޭލިޔާގެ އީޑިތް ކޯވަން ޔުނިވަރސިޓީ އިންނެވެ. މަރްޔަމް މުނާ މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ހިއުމަންރައިޓް ކޮމިޝަނުގެ މެންބަރެއްގެ މަޤާމުގައެވެ. އޭގެ ކުރިން މުނާ ހުންނެވީ އޭޝިއާ ޝިޕިންގ އެންޑް އިންޓަރނޭޝަނަލް ޓްރޭޑިންގ ގެ ކޯޕަރޭޓް ސެކްރެޓަރީގެ މަޤާމުގައެވެ. މީގެ އިތުރުން މިނިވަން މުވައްސަސާތަކާއި ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ އިސްމަޤާމުތައް މުނާ ފުރުއްވާފައިވެއެވެ.

ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲ، ޑޮކްޓްރޭޓް އޮފް ފިލޯސޮފީ އިން ލޯ (އިންޓަނޭޝަނަލް ލޯ) ފުރިހަމަކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް އިންނެވެ. މީގެ ކުރިން އެބޭފުޅާ ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯ ގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވާފައެވެ. މީގެ އިތުރުން ޑޮކްޓަރ އަދުހަމް އަކީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ. ޑޮކްޓަރ އަދުހަމް މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ހިއުމަންރައިޓް ކޮމިޝަނުގެ މެންބަރެއްގެ މަޤާމުގައެވެ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން