ހަމަދު އަބްދުލްޣަނީ (ކ) އާއި ޝިމާޒު އަލީ (ވ)
ހަމަދު އަބްދުލްޣަނީ (ކ) އާއި ޝިމާޒު އަލީ (ވ)
ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު ޓްރާންސްޕޯޓްގެ އިސްވެރިންގެ މައްޗަށް ދަޢުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ ވެހިކަލެއް މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓަށް ބަދަލުކުރުމަށްޓަކާ އެމަސައްކަތް ވަސާޖިއޯ ކުންފުންޏާ ހަވާލުކޮށް ނާޖާއިޒު މަންފާއެއް ހޯދައިދޭން އުޅުނު މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކަކަށް ދައުވާ ކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވީ މިއަހަރުގެ އޮކްޓޯބަރ 4 ވަނަ ދުވަހުއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ކޮރަޕްޝަންގެ ތުހުމަތުގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ކަނޑައަޅައި އޭސީސީއަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލާގައި އޭސީސީން ދަޢޫވާ ކުރަން ފޮނުވާފައިވަނީ އެ މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޝިމާޒު އަލީ އާއި ހަމަދު އަބްދުލްޣަނީ ހިމެނޭ ގޮތަށް ބިޑް ކޮމިޓީގެ ހަ މެންބަރުންގެ މައްޗަށެވެ.

އެ ފަރާތްތަކުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކޮށްދޭން އޭސީސީއިން ވަނީ ޕީޖީ އޮފީހުގައި އެދިފައެވެ.



ވެހިކަލް ނަމްބަރު ޕްލޭޓް ހަދަން 2019 ގައި ހުޅުވައިލުމުން ތިން ކުންފުންޏަކުން ވަނީ ކުރިމަތިލާފައެވެ. އެއީ ވަސާޖިއޯގެ އިތުރުން ޑޮނާޑް އިންވެސްޓްމެންޓާއި ބޯދަ ޕްރައިވެޓް ލިމިޓެޑެވެ. މީގެ ތެރެއިން މަސައްކަތް ހަވާލުކޮށްފައިވާ ވަސާޖިއޯ ކުންފުންޏަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކާ ގާތް ގުޅުމެއް އޮންނަ ކުންފުންޏެއް ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓުގެ ބިޑް ކޮމިޓީން މި މަސައްކަތް ވަސާޖިއޯއާ ހަވާލުކުރީ މާލިއްޔަތު ގަވާއިދާ ވެސް ހިލާފަށްކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން އަލުން ޓެންޑަ ބޯޑު މެދުވެރިކޮށް ބީލަމަށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެޓާނީ ޖެނެރަލްގެ އޮފީހުން ޓްރާންސްޕޯޓަށް ލަފާދިނެވެ. އަދި ފިނޭންސުން ވެސް މިގޮތަށް ކުރިއަށް ގެންދަން ޓްރާންސްޕޯޓަށް ވަނީ އަންގާފައެެވެ.

ޓްރާންސްޕޯޓުން މި މަސައްކަތް ވަސާޖިއޯއާ ހަވާލުކޮށްފައި އޮއްވައި ފިނޭންސާއި އޭޖީ އޮފީހުގެ އެންގުމަށް މަސައްކަތް ވަނީ މަޑު ޖައްސާލާފައެެވެ. މިއީ ޓްރާންސްޕޯޓުގެ އިހުމާލުން އެ ކުންފުންޏަށް މާލީ ގޮތުން ލިބުނު ބޮޑު ގެއްލުމެއް ކަމަށް ބުނެ ބަދަލު ހޯދަން އެ ކުންފުނިން ވަނީ އެދިފައެވެ. ޓްރާންސްޕޯޓުން ފިނޭންސް މިނިސްޓްރީގައި 3.7 މިލިއަން ރުފިޔާގެ ބަދަލެއް ވަސާޖިއޯއަށް ދިނުމަށް އެދިފައިވެއެެވެ. އެކަމަކު ފިނޭންސް މިނިސްޓްރީން ވަނީ އެކުންފުންޏަށް ބަދަލު ދޭން ނުޖެހޭނެ ކަަަމަށް ނިންމާފައެވެ. އެއީ، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ކުރިއަށް ގެންގޮސްފައިވާ ބީލަމަކުން ހަދާފައިވާ އެެއްބަސްވުމަކަށް ވާތީ ކަމަށް ފިނޭންސުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން