ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރު
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރު
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރަށްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި މައްސަލާގައި ޑރ. ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތުނުވާކަމަށް ނިންމި ނިންމުމާމެދު ހިތްހަމަނުޖެހޭތީ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރަން ނިންމާފައިވާ ކަމަށެވެ.

ޑރ. ޒިޔާދުގެ މައްޗަށް ދަޢުވާކުރީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި މައްސަލާގަ އެވެ. ޒިޔާދުގެ އިތުރުން އޭރުގެ އިސްލާމިކް މިިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ މ. މުހައްމަދީއާބާދު އިިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ދައުލަތުން ވަނީ އެ ދައުވާކޮށްފައެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ދެމީހުންނަށްވެސް ކުށް ސާބިތު ނުވާކަމަށް ޙުކުމް ކޮށްފައެވެ.

މާލޭގެ މަޖީދީ މަގުގައި ހުންނަ ޒިކުރާ މިސްކިތުގެ 7،000 އަކަފޫޓުގެ ބިން، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ތަރައްގީ ކުރުމަށް އެސްޖޭއާއި އިސްލާމިކް މިނިސްޓްރީ އާ ދެމެދު، ހަދާފައިވާ އެއްބަސްވުމުގައި ސޮއި ކުރީ ޖުލައި 9، 2018 ގައެވެ. އަދި މި ސަރުކާރުގެ ވެރިކަމަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ތެރޭގައި، އެ އެއްބަސްވުން ބާތިލް ކުރަން އިސްލާމިކް މިނިސްޓްރީން އޭޖީގެ ލަފަޔަކަށް އެދުނީ ޑިސެންބަރު 23، 2018 ގަ އެވެ.

މި މައްސަލާގައި ޑރ އަހުމަދު ޒިޔާދާއި، އިިބްރާހިމް އަބްދުﷲ ސައީދުގެ ގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ 27 ވަނަ ދުވަހުއެވެ. މި މައްސަލާގައި ޑރ. ޒިޔާދުވަނީ ދަޢުވާއަށް އިންކާރުކުރަށްވާފައެވެ.

މި މައްސަލައިގެ ހުކުމް އިއްވަމުން މި ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ގާޒީ މިސްބާހް މުހައްމަދު ވިދާޅުވީ، މި މައްސަލައިގައި ޑރ. ޒިޔާދާއި، އިިބްރާހިމް އަބްދުﷲ ސަޢީދު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އެހެން މީހަކަށް ނާޖާއިޒް މަންފާއެއް ހޯދައިދޭން މަސައްކަތް ކުރި ކަމަށް ބެލެވޭނެ އެއްވެސް އުންސުރެއް ނެތް ކަމަށްވެސް ގާޒީ މިސްބާހް ވިދާޅުވިއެވެ. އެހެންކަމުން ޝަރީޢަތުން ކަނޑައަޅާފައިވަނީ އެ ދެފަރާތުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން