އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް
އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް
ރައީސް އޮފީސް ފުރާޅުމަތީގައި ބައިންދަންވީ ފައިސާ ޗާޕްކުރާ މެޝިނެއް ކަމަށާއި، ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާއަކު ހުންނަންޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން އިސްތިސްނާކުރުމަށް ދީފައިވާ މުއްދަތަށް އިތުރު އެއް އަހަރު އިތުރުކޮށް ލިމިޓެއް ނެތި މަރުކަޒީ ބޭންކުން ސަރުކާރަށް ދަރަނި ނެގޭގޮތަށް ހުއްދަދިނުމަށް ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށައެޅުއްވި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާއަކު ހުންނަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި ހުންނެވީ ޒިންމާދާރުކަމެއްނެތް ރައީސެއް ކަމަށެވެ. ރާއްޖޭގެ ދަރަނީގެ ނިސްބަތް ޖީޑީޕީގެ ނިސްބަތުން މިހާރު ހުރީ 149 އިންސައްތައިގައި ކަމަށާއި ޤައުމު އޮތީ ބަނގުރޫޓުވާ ޙާލަތުގައިކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ، ކޯވިޑުން ސަލާމަތްވާނެ ކަމުގެ އުންމީދު ލިބުނު ވަގުތުން ފެށިގެން ރައީސް ޞާލިޙް އުޅުއްވަނީ މަތީގައި ކަމަށާއި، ރާއްޖޭގައި ފައިންޕުޅު ބީއްސަވާލައްވާނެ ވަގުތެއް އެމަނިކުފާނަށް ނެތް ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައިވެސް ހުރީ އެއްވެސް އަސްލެއްނެތް ނުކުރެވޭނެ ކަންތައްތަކެއް ކަމަށެވެ.

"ފައިސާ ޗާޕްކުރާ މެޝިނެއް ރައީސް އޮފީސް ފުރާޅުމަތީގައި ބޭންދީމަ ރަނގަޅުވާނެ. ރައީސުލްޖުމްހޫރިއްޔާއަކު ހުންނަންޖެހޭ ސަބަބެއް ނުވިސްނޭ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޒިންމާދާރުކަމެއްނެތް ރައީސުލްޖުމްހޫރިއްޔާއެއްގެ ޢަމަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުން ސޯމާލިޔާ ރައްޔިތުން ތިބި ހާލަތަށް ބަދަލުވަމުންދާ ކަމަށެވެ. އަދި ދުވަސްކޮޅަކުން ވަން ޑިގްރީ ޗެނަލްގައި ކަނޑުފޭރެން ތިބޭނީ ދިވެހި ރައްޔިތުން ކަމަށް ޝިޔާމް ވަނީ މިއަދު މަޖިލީހުގެ ބަހުސްގައި ވިދާޅުވެފައެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން އިސްތިސްނާކުރުމަށް ދީފައިވާ މުއްދަތަށް އިތުރު އެއް އަހަރު އިތުރު ކުރުމަށް އެދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީދު މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވީ މި އިސްތިސްނާގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތްތަކަށް ބުރޫ އެރިޔަނުދީ، ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔަކަމަށެވެ. އަދި ވިޔަފާރިތަކަށާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކޯވިޑް-19 އާ ގުޅިގެން ކުރަން ޖެހުނު ސިއްޙީ ހޭދަތަކާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ޚަރަދުތައް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެން ދިޔަކަންވެސް މިނިސްޓަރގެ ސިޓީގައި ފާހަގަކުރެއްވިއެވެ.

އަދި މިފަހަރު މިހުއްދަ ނުލިބިއްޖެނަމަ އިޤްތިސާދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށްވެސް އެކަމުގެ ނުރަނގަޅު އަސަރުކުރާނެކަމަށް ފިނޭންސް މިނިސްޓަރގެ ސިޓީގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން