image ގައްދޫ ރަޝީދު   5 ޑިސެމްބަރު 2021 - 16:15
23 ވަނަ ބައި

................

ކުއްލިއަކަށް ރޫޕާގެ ނަޒަރު ކައިރީގައިހުރި ޓެލެފޯނަކާ ދިމާއަށް ހުއްޓިއްޖެއެވެ. އޭނާގެ ހިތް ބާރަށް ތެޅިގަތެވެ. އެއާއެކު ފުރަތަ މަތީބުރިއާ ދިމާއަށް ބަލާލިއެވެ....... އެބީރައްޓެހި މީހާ ދިޔައީ މައްޗަށްކަން ގައިމެވެ.

ރޫޕާ މަޑުމަޑުން ފޯނާ ހަމައަށް ހިނގައްޖެއެވެ. އަދި އަވަސް އަވަހަށް ޑައިލްކުރަން ފަށައިފިއެވެ. އެތައް ފަހަރަކު އޭނާ ނަމްބަރ އަނބުރަން ޖެހުނެއެވެ. ދެން ކަންފަތުގައި އަތްގަނޑު ޖައްސާލައިފިއެވެ. އަނެއްކޮޅުން އަޑުއައެވެ.

"ހަލޯ......"

"ކާކުތޯއެވެ. ކި ...... ކިޝޯރުބާބޫ ތޯއެވެ........."

ރޫޕާގެ އަޑު ތުރުތުރު އަޅައެވެ.

"އާއެކެވެ. އަހަންނެވެ..... ތިޔައީ ކާކު ހެއްޔެވެ؟"

"އަޅުގަނޑަކީ ރޫޕާއެވެ."

"އަސްތާ ރޫޕާ ދޭވީއެވެ. ކިހިނެއްވީ ހެއްޔެވެ. އަހަރެންގެ ފަރާތުން ކަމަކަށް ބޭނުންވީ ހެއްޔެވެ؟"

"ކިޝޯރު ބާބޫއެވެ. ބަގްވާނަށްޓަކައި އަޅުގަނޑު ސަލާމަތް ކޮށްދެއްވާށެވެ. ..... އަޅުގަނޑު ދަރިފުޅުގެ ފުރާނަވަނީ ނުރައްކަލުގެ ތެރޭގައެވެ."

"ހާސްވެ ފިކުރުބޮޑުވީ ހާދަހާ އަވަހަކަށެވެ. ކޮޓެޖް ދޫކޮށްފައި ކަލޭ ދިޔަތާ އަދި ސާޅީސް އަށްގަޑިއިރު ނުވެއެވެ."

"ބަގްވާނަށްޓަކައި ވާހަކައިގައި ވަގުތު ނަގާނުލައްވާށެވެ. އަޅު...... އަޅުގަނޑު މިހާރު މިވަނީ ވަރަށް ހާލުގައި ޖެހިފައެވެ. އެގޮތްކުޑަ މީހާ ބޭނުންވަނީ އަޅުގަނުގެ ޢިއްޒަތް ފޭރިގަތުމަށެވެ. އެހެންނޫނީ އޭނާ އަޅުގަނޑުގެ ދަރިފުޅު މަރާލާނެއެވެ."

"އެހެންވިއްޔާ ދެން އަވަހަށް ގޮތެއް ނިންމާށެވެ. ކަލޭ ބޭނުމީ ޢިއްޒަތް ހެއްޔެވެ. ނޫނީ ދަރިފުޅު ހެއްޔެވެ؟"

"ކިޝޯރު ބާބޫއެވެ.....!"

"ރޫޕާއެވެ. ކަލޭގެ ކިބައިގައި ވަރަށް ހިތްވަރު އެބަހުރި ދޯއެވެ. ފިރިއެއްގެ މޮޔަކަމުގެ ބަދަލުގައި އަމިއްލަ ގެއެއްކަހަލަ ގެއެއް ދޫކޮށްލާފައި އަދި ވަޒީފާވެސް ދޫކޮށްލާފައި ބިކަތެޅެން ތިޔަނުކުތީ ވަރަށް ކެރިގެންދޯއެވެ. ކަނޑައިގެން ހިނގައްޖެ ގުޑިއަކާމެދު ވާނެގޮތް ކަލެޔަށް މިހާރު އެނގޭނެއެވެ."

"ކިޝޯރު ބާބޫބެއެވެ. އަޅުގަނޑުގެ ދަރިފުޅު މަރުވިޔަކަ ނުދޭނަމެވެ. އެކަމަކު މާދަމާ އަޅުގަނޑުގެ މަރުވެފައިވާ މަސްގަނޑު ކޮންމެވެސް ރޭލު ދަނގަޑަކުން ނުވަތަ ފެންވަޅަކުން ފެންނާނެކަން ގައިމެވެ."

"ދެންވާނީ ކިހިނެއް ހެއްޔެވެ؟ މުންނީ ބޮޑުވެގެން އަމިއްލައަށް މަރުވެދާނެއެވެ. އެހެންނޫނީ ކަލޭ ފަދައިން ކޮންމެވެސް ހިލޭ ފިރިހެނެއްގެ ކުރިމަތީގައި ހަތިޔާރު ބަހައްޓަފާނެއެވެ."

"ތިޔަކަން އެނގޭނީ މުންނީގެ ބައްޕައަށެވެ."

"އެހެންވިއްޔާ މުންނީގެ ބައްޕަގެ ކިބައިން އެހީއަށް އެދޭށެވެ."

"ކިޝޯރު ބާބޫއެވެ."

"ވަރަށް ހިތާމަހުރި ކަމެކެވެ. މިހާރު ކަލެއަކަށް އެއްވެސް އެހީއެއް ނުފޯރުވޭނެއެވެ."

އެއާއެކު އަނެއްކޮޅުން ފޯން ބާއްވައިފިއެވެ. ރޫޕާ ގާވެފައި ހުރެއްޖެއެވެ. ދެން މަޑުމަޑުން ރިސީވަރ ބާއްވައިފިއެވެ. ކުއްލިއަކަށް ފިޔަވަޅުގެ އަޑު އިވެން ފަށައިފިއެވެ. އެއާއެކު ރޫޕާގެ ހިތް ފުންމައިގެން އައިސް ކަރުބުޑުގައި ތާށިވެއްޖެއެވެ. އޭނާ އެނބުރިލާފައި ބަލާލިއެވެ. ސިޑީގެ އެންމެ މަތީ ހަރުފަތުގައި އެމީހާ ހުއްޓެވެ. ބޮލުގައި ބޮޑުތޮތްޕެއް އޮތެވެ. އޭގެ ނިތްގަނޑުން އޭނާގެ މޫނުގެ ބޮޑުބައި ފޮރުވިފައިވެއެވެ. ....... ރޫޕާގެ ހަށިގަނޑުގައި ފިނިރާޅެއް ދުވަންފެށިއެވެ. ކަންފަތުގައި ރަނގަބީލު ޖެހެން ފަށައިފިއެވެ. ކުއްލިއަކަށް އެމީހާގެ އަޑު އައެވެ.

"ވަރަށް ރަނގަޅެވެ. ފުލުހަށް ފޯނުކުރީ ހެއްޔެވެ؟"

ރޫޕާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. ގޮތް ނޭނގޭމީހާ ސިޑިން ފައިބަމުން ސުވާލުކުރިއެވެ.

"ބުނާށެވެ. ގޮތެއް ނިންމައިފިން ހެއްޔެވެ؟"

ރޫޕާ ވަރަށް ހިމޭން އަޑަކުން ސުވާލު ކުރިއެވެ.

"އަހަރެންގެ ދަރިފުޅަށް ވާނީ ކިހިނެއް ހެއްޔެވެ."

"ކަލޭ ބޭނުން ތަނަކަށް އޭނާ ގޮވައިގެން ދެވިދާނެއެވެ." އެމީހާ ބުންޏެވެ.

"އަހަރެން ދާނެ ވަކިތަނެއް ނެތެވެ."

"ތިޔައީ މާއުފާވެރި ވާހަކައެކެވެ. ކަލެއަށް ދަރިފުޅު ގޮވައިގެން މިތާނގައި އުޅެވިދާނެއެވެ."

"ޝަރްޠެއްގެ މަތީންނެވެ."

"ޤަބޫލެވެ."

"އަހަރެން މާދަމާ ހެނދުނު ކަލެޔާ ދަރިފުޅު ޙަވާލުކޮށްފައި ކަމަކު ބޭރަށް ދާނަމެވެ. އަހަރެން ލަސްވެއްޖިއްޔާ ކަލޭ އޭނާ ގެންގޮސް ޖަލާ ޙަވާލުކުރާށެވެ.

"ޖަލަށް ކީއްކުރަން ހެއްޔެވެ؟ ޔަތީމު ޚާނާއަކަށް ގެންދިއުން މާރަނގަޅެއް ނޫން ހެއްޔެވެ؟"

"އޭނާގެ ބައްޕަ ހުންނާނީ ޖަލުގައެވެ."

"އެކަމަކު އޭނާ ބައްޕަ ކިޔާ މީހާ ހުންނަނީ ޖަލަކު ނޫނެވެ."

"ބައްޕަ ކިޔާމީހާ..........." ރޫޕާ އެއްޗެކޭ ބުނަން އުޅުނެވެ.

ރޫޕާ ކުއްލިއަކަށް ގޮތްނޭނގޭ މީހާއާއި ދިމާއަށް ބަލާލިއެވެ. މިހާރު އެމީހާހުރީ ސިޑީގެ އެންމެ ތިރީ ހަރުފަތުގައެވެ. ކޯޓްގެ ގިރުވާނު ތިރިކޮށްލާފައިވެއެވެ. ތޮފިވެސް ބޮލުން ނަގައިފިއެވެ. އަދި ..............

ދެވަނަ ހިނދުކޮޅުގެ ތެރޭގައި ރޫޕާގެ ހަށިގަނޑު ގަނޑުވެއްޖެއެވެ. އެހެނީ އޭނާގެ ކުރިމަތީގައި ހުރީ ކިޝޯރެވެ. އާއެކެވެ. ހަމަ އެ ކިޝޯރެވެ. ދަތި ޙާލެއްޖެހޭ ކޮންމެ ވަގުތަކު އެހީވެދޭ ކިޝޯރެވެ. މިއަދުވެސް ދަތި ޙާލެއްގައި ޖެހުމާއެކު އެންމެ ފުރަތަމަ އޭނާއަށް ހަނދާން ކުރެވުނީ ކިޝޯރުގެ މަތިންނެވެ.

ރޫޕާގެ ހަށިގަނޑުގައި ފިނި ތުރުތުރެއް އެކުލެވިފައި ހުއްޓެވެ. ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ތުންފަތް ތުރުތުރު އަޅެއެވެ. އެކަމަކު އަޑެއް ނުނެރެވުނެވެ. ކިޝޯރުގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ވެރިވެފައިވެއެވެ. އޭނާ ބުންޏެވެ.

"ނުބައިގޮތަކަށް ހީނުކުރާށެވެ. މުންނީ ބަލަން ޑޮކްޓަރަކު އައެވެ. ޑޮކްޓަރާއެކު ނަރުހަކުވެސް އައެވެ. ކަލޭގެ ހެދުން ބަދަލުކުރީ އޭނާއެވެ. މުންނީއަށް ދޭންޖެހުނީ ބާރުގަދަ އިންޖެކްޝަނެކެވެ. އެހެން ނޫންނަމަ ވަރަށް ނުރައްކާތެރިވީހެވެ."

ރޫޕާގެ ތުންފަތުން ތުރުތުރު އަޅާ އަޑެއް ނުކުތެވެ.

"ކިޝޯރު.... ބާބޫއެވެ..........!!"

ދެން ދެވަނަ ހިނދުކޮޅުގެ ތެރޭގައި އޭނާ ކިޝޯރުގެ ކޮނޑުމަތީގައި ބޯއަޅާލައިގެން ރޮމުން ގެންދިޔައެވެ. ކިޝޯރު މަޑުމަޑުން އޭނާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އޭނާގެ ލޮލުންވެސް ކަރުނަ ފާއްދާލައިފިއެވެ.

+ + + + +

ރޫޕާ ހޫނު ކޮފީގެ ހަތަރުތަށި ބުޔެވެ. އޭނާގެ ހަށިގަނޑަށް ހޫނުކަމެއް ލިބުނީ ދެނެވެ. ކިޝޯރު ވިސްކީ ތައްޓެއް ދަމާލިއެވެ. ރޫޕާ ހަމަޖެހިލައިގެން ޖަލުގައި ހިނގި ހާދިސާ ކިޔާ ދިނުމުން ކިޝޯރު ބުންޏެވެ.

"ދުވަސްކޮޅަކު ޖަނަވާރުންގެ ތެރޭގައި އުޅުމަށްފަހު އިންސާނާ އެޖަނަވާރުންނަށް ވުރެ ބިރުވެރި އެއްޗަކަށް ވެދެއެވެ. ކަލޭމެން ދެމައިންނަކީ އިންސާނުންނެވެ. އަހަރެން ތިޔަ ދެމައިންނާމެދު ބެހެއްޓީ އިންސާނީ ހަމްދަރްދީއެވެ. އެކަމަކު ކަލެޔާ މުންނީ ވީތަނެއް ނޭނގުމުން އަހަންނަށް އަންދާޒާ ކުރެވުނީ ތިޔަ ދެމައިންނަކީވެސް އަހަރެންގެ ޙަޔާތުގެ އެއްބައި ކަމުގައެވެ. އަހަރެން މިވާހަކަ މީސްތަކުންނަށް ހާމަކޮށްފިނަމަ އެމީހުން ވަގުތުން އަހަރެމެންނާމެދު ޚިޔާލީ ގުޅުންތެރިކަމެއްގެ ތުހުމަތު ކުރާނެއެވެ.

ތިރްލޯކްވެސް އެކަހަލަ ޚިޔާލީ ދުނިޔެއެއްގައި އުޅެން ފަށައިފިއެވެ. އަދިޖަލުގެ ދިރިއުޅުން އޭނާ ޖަނަވާރަކަށް ހަދައިފިއެވެ. ކަލޭ އެ ޖަނަވާރުގެ މޮޔަކަމުގެ މައްޗަށް އަސަރުކޮށްގެންގޮސް އެއަށްވުރެވެސް ބޮޑަށް މޮޔަވެއްޖައީމުއެވެ. އަހަރެން ކަލޭމެން ދެމައިން ހޯދުމުގެ މަސައްކަތުގައި އުޅޭތާ ދެދުވަސް ވެއްޖެއެވެ. އެންމެފަހުން މިއަދު އަހަންނަށް ކަލޭ ފެނުނު ގޮތަށް އެހެން މީހަކަށް ފެނުނުނަމަ ކަލެޔަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ."

ރޫޕާ ސިހިފައި ބަލާލިއެވެ. ކިޝޯރު އަނެއްކާވެސް ބުންޏެވެ.

"ދުނިޔޭގައި އެކަނިވެރި އަންހެނަކާމެދު ޢަމަލު ހިނގާނެގޮތް ކަލެޔަށް އެނގި އަންދާޒާ ކުރެވިއްޖެ ކަމުގައި ހީކުރަމެވެ. އަހަރެން ތިރްލޯކްގެ ކުރިމަތީގައި ހުވާކުރީމެވެ. އަހަންނަކީ އޭނާ ކަހަލަ މޮޔައެއް ނޫން ކަމުގައި ބުނީމެވެ. އަދި ކަލޭމެން ދެމައިން ކޮންމެ ތާކުން ފެނުނު ކަމުގައިވިޔަސް ދުނިޔޭގެ ރަޙުމެއްނެތް ހަލަބޮލިކަމުގެ ތެރެއަށް ދޫކޮށްނުލާނެ ކަމުގައި ބުނީމެވެ. ހަނދާން ކުރާށެވެ. ތިރްލޯކް މުންނީއަށް ދަރިފުޅު ނުކިޔާހާ ހިނދަކު މުންނީ އަހަންނަށް ބައްޕަ ކިޔާނެއެވެ. ކަލޭގެ އިސްތިޢުފާ އަހަރެން ވީދާލައިފީމެވެ. އަހަރެން މިހާރު އޮންނަނީ އެއް ހަފާތްގެ ޗުއްޓީ ހައްދާފައެވެ. ކަލެޔަށް ގަވަޢިދުން ވަޒީފާ އޮންނާނެއެވެ. ކަލޭ އިންނާނީ ކުރިންވެސް އިންގޮތަށް ހަމަ އެކޮޓެޖްގައެވެ. އަދި ތިރްލޯކް ކަލެޔާ ބައްދަލުކުރަން ނޭދޭހާ ހިނދަކު ކަލޭ އޭނާއާ ބައްދަލުކުރުމަށް ގޮސްގެން ނުވާނެއެވެ. އެގޮތަށް ދާން ފެށާނީވެސް އޭނާ މާފަށް އެދުމަށްފަހުގައެވެ."

ރޫޕާ ވަކި އެއްޗެކޭ ނުބުނެއެވެ. އޭނާ ހިމޭނުން އިސް ޖަހާލައިގެން އިނެވެ. އޭނާގެ ހިތް އަސަރުން ފުރެމުންއައެވެ. އޭނާގެ ހިތަށް އަރައެވެ. ޙަޤީޤަތުގައިވެސް މިއަދު އެހެން މީހަކާ ދިމާވިނަމަ އަހަންނާމެދު ކަންތައް ހިނގާނީ ހިތަށް އަރުވާލުންވެސް ދަތި ގޮތަކަށެވެ.........!! އެއާއެކު އޭނާގެ ލޮލުން ކަރުނަ ފައިބައިގަތެވެ.

+ + + +

އޮފީހުގެ ގަޑި ފަހެއްޖެހިކަން އިޢުލާން ކުރުމުން ކިޝޯރު ސިހިއްޖެއެވެ. އަދި އަތުކުރީ ގަޑިއަށް ބަލާލާފައި ފުންމައިގެން ތެދުވަމުން ބުންޏެވެ.

"އަސްތާއެވެ. އަހަރެން މިއިންނަނީ ހަނދާން ނެތިފައެވެ. މިއަދު ސަން އެންޑް ސެޑްގައި ސޭޓް ސާހަބް ބަލާ ބޮޑުކުރާ ކުއްޖާގެ އަހަރީ ޕާޓީ އެބައޮތެވެ. އަހަރެން ހަތަރުގަޑި ބަޔަށް ދާން ޖެހޭނެއެވެ. އެކަމަކު މިހާރު އެޖެހީ ފަހެކެވެ."

ކިޝޯރާއެކު ރޫޕާވެސް ތެދުވެއްޖެއެވެ. ކިޝޯރު ކޯޓްލަމުން ބުންޏެވެ.

"ރޫޕާ ޕާރޓީއަށް ދާނަން ހެއްޔެވެ.........؟"

"ނޫނެކެވެ..... އަޅުގަނޑު މޯނާއަށް އެއްޗެއް ގަނެލަން ދާންވެފައި އެބައޮތެވެ. ކަލާ ދުރުވާށެވެ."

"އެންމެ ރަނގަޅެވެ. ރޫޕާ ކާރުގައި ދާށެވެ. އަހަރެން ޓެކްސީގައި ހިނގައި ދާނަމެވެ." ކިޝޯރު ތަޅުގަނޑި މޭޒުމަތީގައި ބާއްވާލިއެވެ.

"ނޫނެކެވެ. ކަލާ ހެދުނު ފަތިހާ އެހާދުރުން ދުރުވަން ޖެހޭނެއެވެ. އެހިސާބުން ޓެކްސީ ލިބުމަކީވެސް ފަސޭހަކަމަކަށް ނުވާނެއެވެ."

"އަހަރެން ދާންވީ މިތަނުން ސީދާ ސަން އެންޑް ސެޑްއަށެވެ. ރޫޕާ ކިތަންމެ ތަނަކަށް ވަންނަން ޖެހޭނެއެވެ. އަދި އެހެން ނޫންނަސް ސަން އެންޑް ސެޑް ކޮޓެޖާ މާދުރެއްވެސް ނޫނެވެ. އަހަރެން އެތަނުން ނިމިގެން ކާރުބަލާ ހިނގައިދާނަމެވެ. އަދި ބުނަން ހެއްޔެވެ. މިދިޔަ ހަމަސް ދުވަހުގެ ތެރޭގައި މަދަރްސާއިން ރަނގަޅު ނަންބަރ ހޯދައިފިނަމަ ކުޅޭ އެއްޗެތި ހޯދާދޭނަމޭ އަހަރެން މުންނީ ގާތު އޮންނާނީ ބުނެފައެވެ. ރޫޕާ އެނާއަށް ކުޅޭ އެއްޗެތި ގަނެދޭށެވެ. އަދި އެއީ ބައްޕަ ދިން އެއްޗިއްސޭ ބުނާށެވެ."

ދެން ކިޝޯރު ސަތޭކައިގެ ނޫޓްތަކެއް މޭޒުމަތީގައި ބާއްވައިފިއެވެ. ރޫޕާ އިންކާރު ކުރުމަށް ހީކުރިއެވެ. އެއާއެކު ކިޝޯރު ބުންޏެވެ.

"ޚަބަރުދާރެވެ. މުންނީއަކީ އަހަރެންގެ ދަރިއެކެވެ. އަހަރެމެން ދެބަފައިން ދެމެދަށް ވަންނަން ނަހަދާށެވެ. އަހަރެން މިދަނީއެވެ."

ކިޝޯރު ހަލުއިކަމާއެކު ނުކުމެގެން ހިނގައްޖެއެވެ. ރޫޕާ ކިޝޯރު ނުކުމެގެން ދިޔަ ދޮރާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އެއަށްފަހު މޭޒުމަތީގައި އޮތް ތަޅުދަނޑިއާއި ރުފިޔާކޮޅު ނަގާފައި ފިނި ނޭވާއެއް ލިއެވެ. އިރުކޮޅަކަށްފަހު ޓައިޕްކުރަން އިނދެފައި އޭނާގެ ހިތަށް އެރިއެވެ. މުންނީއަށް މިހާ ލޯތްބާ ހަމްދަރްދީ އޭނާގެ ޙަޤީޤީ ބައްޕަގެ ކިބައިންވެސް ލިބުނު ހެއްޔެވެ...... ރޫޕާގެ ސިކުނޑީގައި ތިރްލޯކްގެ މޫނު އެނބުރިގަތެވެ. ތިރްލޯކް އޭނާގެ ކަރުގައި ހިފިގޮތް ސިފަކުރެވުނެވެ. އެއާއެކު އޭނާ ތުން ފިއްތާލިއެވެ. އަދި ޓައިޕްރައިޓަރގެ އަކުރުތަކުގެ މަތީގައި ހަލުވި ކަމާއެކު އަތް ހިނގާލައިފިއެވެ.

+ + + + +

ބާޒާރުކޮށް ނިމެންއުޅެނިކޮށް ހިމަފޮދު ވާރޭވެހެން ފަށައިފިއެވެ. އަދި ރޫޕާ މުންނީ ގޮވައިގެން ގެއަށްދާން ކާރު ދުއްވާލުމާއެކު ބޯކޮށް ވާރޭ ވެހިގަތެވެ. ކުޅޭ ކާރެއް ލިބުމުން މުންނީ އިނީ ވަރަށް އުފާވެފައެވެ. މިހާރު އޭނާ އެއިނީ ކާރު ދުއްވާލަން އަވަހަށް ގެއަށް ނުދެވިގެންނެވެ. އެމީހުންނަށް ގެއަށް ދެވުނު އިރުވަރަށް ބޯކޮށް ވާރޭ ވެހެއެވެ.

* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 93 އިން 96 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން