އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު
1 ޑިސެންބަރުން ފެށިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މުވައްޒަފުންނަށް މުސާރަދޭނީ މިނިމަމް ވޭޖާއި އެއްގޮތަށް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖު ބޯޑުން ދިން ލަފާ ދިރާސާކުރުމަށްފަހު ސަރުކާރުން ކަނޑައަޅާފައިވަނީ އަންނަ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން މިނިމަމް ވޭޖް ތަންފީޒު ކުރުމަށެވެ. ނަމަވެސް އެސްޓީއޯ އިން ވަނީ މި ޑިސެންބަރު މަހުން ފެށިގެން އެ ނިންމުން ތަންފީޒު ކުރަން ފެށުމަށް ނިންމާފައެވެ. އެގޮތުން ކުންފުނީގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރުވަނީ ގެނެސްފައެވެ. އެހެންކަމުން އެސްޓީއޯ ވެފައިވަނީ މިނިމަމް ވޭޖަށް އަމަލު ކުރަން ފެށި ސަރުކާރުގެ ފުރަތަމަ ކުންފުންޏަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވީ "މި ބަދަލާއެކު އެސްޓީއޯގެ މުވައްޒިފުންގެ މުސާރައަށް އަހަރަކު 14 މިލިއަން ރުފިޔާ އިތުރުވާނެ" ކަމަށެވެ.



މިނިމަމް ވޭޖުގެ ގޮތުގައި ކުދި ވިޔާފާރިތަކަށް 4500 ރުފިޔާ ސަރުކާރުން ކަނޑައަޅާފައިވާއިރު މެދު ފަންތީގެ ވިޔަފާރިތަކުގެ މުވައްޒަފުންނަށް 7000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ބޮޑެތި ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން، މަހަކު 8000 ރުފިޔާ ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން ސަރުކާރުގެ އެންމެ މުވައްޒަފުން ގިނަ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 7000 ރުފިޔާއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ އުމުރުފުރައިގެ 317482 މީހުން އުޅެއެވެ. އެއީ 147753 ފިރިހެނުންނާއި 169729 އަންހެނުންނެވެ. މީގެތެރެއިން ވަޒީފާގައި އުޅެނީ ނުވަތަ ވަޒީފާއެއް އަދާކޮށްގެން އާމްދަނީ ހޯދަނީ 191270 މީހުންނެވެ. އެއީ 113849 ފިރިހެނުންނާއި 77421 އަންހެނުންނެވެ.

ސަރުކާރުން ދެކޭ ގޮތުގައި އަންނަ ޖެނުއަރީން ފެށިގެން މިނިމަމް ވޭޖް ތަންފީޒުކުރަން ފަށާއިރު، އެންމެ ހެޔޮ ބަދަލެއް އަންނާނީ ޓޫރިޒަމް ދާއިރާގެ ދިވެހި މުވައްޒަފުންނަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން