ޢަބްދުﷲ ޝާހިދު ބަޙްރައިންގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުއްލަތީފް ބިން ރަޝީދު އަލްޒަޔާނީ އާއި ބައްދަލުކުރައްވަނީ.
ޢަބްދުﷲ ޝާހިދު ބަޙްރައިންގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުއްލަތީފް ބިން ރަޝީދު އަލްޒަޔާނީ އާއި ބައްދަލުކުރައްވަނީ.
އދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ބަޙްރައިނަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފިއެވެ.

ޢާއްމު މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި އިއްޔެ ވަނީ ބަޙްރައިންގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުއްލަތީފް ބިން ރަޝީދު އަލްޒަޔާނީ އާއި ބައްދަލުކުރައްވައި، އެކި ދާއިރާތަކުން އދ އާއި ބަޙްރައިނާ ދެމެދު ގުޅުން ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމާއި، މޫސުމީ ބަދަލުތަކާގުޅޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން މަނާމާގައި ޤާއިމްވެފައިވާ އދގެ އޮފީސްތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ބަޙްރައިންގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރ މުޙައްމަދު ޒަރްޤާނީއާއެކު ޝާހިދު ވަނީ މަޝްވަރާތައް ބާއްވަވާފައެވެ.

ޝާހިދުގެ މިދަތުރުފުޅުގައި، ބަޙްރައިންގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް އަދި ސުޕްރީމް ކައުންސިލް ފޮރ އެންވާރަމަންޓްގެ ޗީފް އެގްޒެކެޓިވް ޑރ. މުޙައްމަދު ބިން މުބާރާކް ބިން ދާއިނާ އާވެސް ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި، ކޮޕް 26 ގެ ނިންމުންތަކާއި އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ މިދަތުރުފުޅަކީ ބަޙްރައިންގެ ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން މިދަތުރުފުޅުގެ ހުރިހާ ހަރަދެއް ހަމަޖައްސަވާފައިވަނީ ބަޙްރައިންގެ ސަރުކާރުންކަމަށް އދ އިން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން