ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ
ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ
ރަމަޟާން މަސް ނިމުނުކަމުގައި ވިޔަސް ފަގީރުންނާއި ނިމަކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމި ތިބުމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.

ޢީދު ތަހުނިޔާ ވިދާޅުވެ ޓްވީޓާގައި އާންމު ކުރެއްވި ވީޑީއޯ މެސެޖެއްގައި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ މި އަހަރުގެ ރަމަޟާން މަހާ ބައްދަލުކުރީ ވަރަށް ތަފާތު ގޮތަކަށް ކަމަށެވެ. އެގޮތުން ދަތި ހާލަތުގައި އުޅުނު ފަގީރުންނާއި މިސްކީނުންގެ ހާލަތު އިހުސާސްކުރެވިގެން ދިޔަކަމަށާއި ގިނަ ފަރާތްތަކުން ދީލަތި އެހީތައް ވަމުން ދިޔަތަން ފެނިގެން ގޮސްފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

އެހެންކަމުން ބަރަކާތްތެރި ފިތުރު އީދު ދުވަހުގައި ފަގީރުންނާއި ނިކަމެތިންގެ މަތިން ހަނދާންކޮށް ކުރިއަށް އޮތް ތަނުގައި އެފަދަ ފަރާތްތަކަށް އެހީތެރިވުމަށް އެދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



އިމްރާން ވިދާޅުވީ އީދު ދުވަހަކީ އުފާވެރިކަން ގެނުވާ ދުވަހެއްކަމަށެވެ. އަދި މުސްލިމުން އުފާ ފާޅުކުރުމުގެ އެންމެ މުހިންމު އެއް ދުވަސްކަމަށްވާއިރު  އާއިލީ ގުޅުން ބަދަހިކޮށް ރައްޓެހިންނާ ގުޅުން ބަދަހި ކުރުން މުހިންމުކަން މިނިސްޓަރު އިމްރާނު ފާހަގަކުރެއްވިއެވެ.

"އީދު ދުވަހުގެ އުފާވެރިކަން ދެމެހެއްޓިގެންދާއިރު އަަޅުގަނޑުމެންގެ ތެރެއިން ނިކަމެތިންގެ މަތިން ހަނދުމަކޮށް އީދު ދުވަސް އުފާވެރި ދުވަހަކަށް ހެދުމަކީ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް." އިމްރާން ވިދާޅުވިއެވެ.

ފިތުރު އީދު ދުވަހުގެ ތަހުނިޔާ އަދާކޮށް އިމްރާން ފޮނުވި ޓްވީޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ކަނބަނލުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އިތުރުން މުޅި އިސްލާމީ އުންމަތަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން