ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ
މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރޭގައި ފަނޑިޔާރުން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ތުހުމަތު ކުރަށްވައިފިއެވެ.

ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ގައި މެންބަރު ޔައުޤޫބު މިއަދު ވިދާޅުވީ ފަނޑިޔާރުންދަނީ އެކިއެކި ވިޔަފާރީގައި ޙަރަކާތްތެރިވަމުން ކަމަށާއި އެކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފިޔަވަޅުއަޅަންޖެހޭ ކަމެއް ކަމަށެވެ. ޖޭއެސްސީން ހަރުދަނާ ރަނގަޅު މަސައްކަތްތަކެއް ކުރަށްވާކަން ފާހަގަ ކުރަށްވަމުން މެންބަރު ޔައުޤޫބު ވިދާޅުވީ އިތުރަށްވެސް ބަލަންޖެހޭ ކަންތައްތައް އެބަހުރި ކަމަށެވެ.

މެންބަރު ޔައުޤޫބު ވިދާޅުވީ ހަމައެކަނި މާލޭގެ ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުންގެ މައްސަލަތައް ބެއްލެވުމުގެ ބަދަލުގައި ރަށްރަށުގެ މެޖިސްޓްރޭޓުންގެ ޢަމަލުތައް ހުންނަގޮތްވެސް ޖޭއެސްސީން ބައްލަވަން ޖެހޭ ކަމަށެވެ. އެގޮތުން ރަށްރަށުގެ ފަނޑިޔާރުގެތަކުގައި ހުރި މައްސަލަތަކުގެ އޮޑިޓެއް ހެއްދެވުމަށް މެންބަރު ޔައުޤޫބު ގޮވާލެއްވިއެވެ.

"ވަރަށް ގިނަ ރަށްރަށުގެ ފަނޑިޔާރުގެ ތަކުގައި މަސައްކަތްކުރާ ފަނޑިޔާރުން ނޫނީ ގާޒީން އަދި އެހެނިހެން އާއިލީ ނުފޫޒުތަކާ އެހެނިހެން ވިޔަފާރިތަކާ އަދި އަޅުގަނޑުމެން މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވަޢުދުކަމަށްވާ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމުގެ ވަޢުދު. މިކަންކަމުގެ ތެރޭގައިވެސް ބައެއް ފަނޑިޔާރުން އުޅޭކަމީ އަޅުގަނޑު މިއަދު ހިތާމައާއެކީ ފާހަގަކުރާ ކަމެއް" މެންބަރު ޔައުޤޫބް ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ލިބުމުގެ ހައްޤު، ކޮންމެ ފަނޑިޔާރަކަށްވެސް ލިބިގެންވާ ކަމަށެވެެ. އެގޮތުން ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް 6 މަސްދުވަހުގެ ޗުއްޓީއެއް އަދި ދަރިއަކު ލިބުމާގުޅިގެން ފިރިހެން ފަނޑިޔާރަކަށް އެއް މަސްދުވަހުގެ ޗުއްޓީއެއް ލިބޭނެކަމަށް އިސްލާޙުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން