މިނިސްޓަރ އަލީ ވަހީދު
މިނިސްޓަރ އަލީ ވަހީދު
މި ވަގުތަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން އިތުރު ޓެކްސްތައް ނަގަންވީ ވަގުތު ނޫން ކަމަށާއި މިއީ ހެޔޮ ހިތަކައިގެން އެމީހުންނަށް މަރުހަބާ ކިޔަންވީ ވަގުތު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. އަލީ ވަހީދު ބައިނަލްއަޤްވާމީ ފޯރަމް ތަކުގައި މިހެން ވިދާޅުވި ނަމަވެސް ރާއްޖޭގައި ފަތުރުވެރިކަން އަލުން ފެށުމަށް ހެދު ސޭފް ޓޫރިޒަމް އުސޫލުގެ ޑްރާފްޓްގައި ވަނީ ބޮޑެތި ފީތަކާއި އިތުރު ޓެކްސްތައް ނަގަން ލިއުއުއްވާފައެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ، ފަތުރުވެރިކަމާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ (ޔޫއެން ޑަބްލިއުޓީއޯ) ގެ މާކެޓް އިންޓެލިޖެންސް އެންޑް ކޮމްޕެޓިޓިވްނެސް ޑިޕާޓްމަންޓްގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް އަގުނުކުރެވޭ މިންވަރެއްގެ ގެއްލުން ވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުން ހުއްޓި އިޤްތިސާދުވެސް ހުއްޓިފައިވާ ކަމަށެވެ.

އެހެން ކަމުން އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެއިންވެސް މިހާރު ތައްޔާރުވަމުންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އިގްތިސޯދު އަލުން ހުޅުވާލުމަށް ކަމަށާއި ނަމަވެސް މިހާރު ހުރިހާ ގައުމަކުންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ބަލީގެ ހާލަތު އިތުރަށް ގޯސްވިޔަނުދީ، އެއާޕޯޓުތަކާއި ޓޫރިސްޓު ފެސިލިޓީތަކުގައި ބައިނަލްއަގުވާމީ އެއް މިންގަނޑަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް އޮތް ރައްކާތެރިކަމުގެ އިތުބާރަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ބިންގާ ކަމަށާއި، މާތްﷲގެ އިރާދަފުޅާއެކު ރާއްޖޭގެ ބޯޑަރު ހުޅުވާލާނީ އެ އިތުބާރާއެކު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެ ޓޫރިޒަމަށް އަލުން ހުޅުވާލާއިރު ކޮވިޑް ޓެކްސްގެ ގޮތުގައި، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން 8 ޑޮލަރު ނެގުމަށް ޓޫރިޒަމް މިނިސްޓްރީއަށް ލަފާ ދިނުމަށް މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން