ފުލުހުުންގެ މައި އިދާރާ
ފުލުހުުންގެ މައި އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބާއްވާ ޖަލްސާތަކަށް މެމްބަރުން ވަޑައިގަތުމުގެ ހުއްދަ ދޭނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ވަކި ކަންތައްތަކެއް މަޖިލީހުގެ އިދާރާއިން ފުރިހަމަ ކުރުމުން ކަމަށް ފުލުހުން އެ އިދާރާ އަށް އަންގައިފިއެވެ.

ފުލުހުން މިގޮތަށް އަންގާފައި ވީނަމަވެސް ބައެއް މެންބަރުން ރޭގައި ވަނީ މަޖިލީހަށް މެންބަރުން ވަޑައިގެންނެވުމަށް ފުލުހުން ދޫކޮށްފައިވާ ހުއްދަ ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކުރައްވާފައެވެ.

ފުލުހުން މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މެންބަރުން މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ހުއްދަ އަށް އެދެމުންދާތީ، އެކަމުގައި އެޗްޕީއޭގެ ލަފާއަކަށް އެދިފައިވާ ކަމަށެވެ. އެ ލަފާގައި ވަނީ މަޖިލީހުގެ އިދާރާގައި ވަކި ކަންތައްތަކެއް ފުރިހަމަވުމުން، ޖަލްސާ އަށް މެމްބަރުން ވަޑައިގަތުމުގެ ހުއްދަ  ދިނުމަށް ކަމަށް ފުލުހުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފަައިވެއެވެ.

އެޗްޕީއޭ އިން ފުލުހުންނަށް ދިން ލަފާގައި މަައިގަނޑު ހަތްކަމެއް ވަނީ ފާހަގަކޮށްފައެވެ. ޢޭގެތެރޭގައި ހިމެނެނީ ޖަލްސާ ކުރާ މާލަމަށް ވަނުމުގެ ކުރިން، ޓެމްޕަރޭޗާ ބަލައި ހުން ނެތްކަން ކަށަވަރު ކުރުމާއި، ކޮވިޑް-19 ގެ އަލާމާތެއް ހުރި އެއްވެސް މީހަކު ޖަލްސާގައި ބައިވެރި ނުވުމާއި، މާލަމަށް ވަނުމުގައާއި ނުކުތުމުގައި، އެކަކު އަނެކަކާ ދެމެދު ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓުމާއި ޖަލްސާގައި ބައިވެރިވާ މީހުން ސައިބޯނި ލައިގެން އަތްދޮވެވޭނެ ގޮތް ނުވަތަ ހޭންޑް ސެނިޓައިޒާ ބެހެއްޓުމާއި، އަދި މާލަމުގައި ތިބޭއިރު ގިނަގިނައިން މީހުން އަތްލާނެ ތަކެއްޗާއި ތަންތަން (މޭޒުމަތި، ތަޅު، ކީބޯޑު، މައުސް ފަދަ ތަކެތި) ސާފުކޮށް ޑިސްއިންފެކްޓް ކުރުމާއި ކޮވިޑް-19 އިން ރައްކާތެރިވުމުގެ އާންމު އިރުޝާދުތަކާ އެއްގޮތަށް (ކެއްސައި، ކިނބިހި އަޅާއިރު، ޓިޝޫ ނުވަތަ އަތުގެ އުޅަނބޮށީގެ އެތެރެފުށް ބޭނުންކުރުން) އަމަލު ބެހެއްޓުމާއި މީހުން އެއްތަނަކަށް އެއްވެގެން ކޮންމެހެން ބާއްވަންޖެހޭ ޖަލްސާއެއް ނޫނީ މި ދުވަސްވަރު ނުބާއްވައި ވާޗުއަލްކޮށް ޖަލްސާ ބޭއްވުމެވެ.

ވަކި ކަންތައް ތަކެއް ފުރިހަމަ ކޮށްގެން ނޫނީ މަޖިލީހުގެ ޖަލްސާތަކަށް މެންބަރުންނަށް ވަޑައިނުގެންނެވޭނެ ކަމަށް ފުލުހުން އެންގި ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީސް ބޭއްވުމަށް އެއްވެސް ފަރާތަކުން ހުރަސް އަޅާނަމަ އެފަރާތަކާ ދޭތެރޭ ފިޔަވަޅު އެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ހުރަހެއް ނޭޅޭނެ ކަމަށް ޢަލީ އާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ޗެމްބަރުގައި ބާއްވާނެ އިންތިޒާމްތައް ކަނޑައަޅާ އެސްއޯޕީއެއް މިހާރު މަޖިލީހުން ވަނީ އާއްމުކޮށްފައެވެ.

އާއްމުކުރެވުނު އެސްއޯޕީގައި ބުނެފައިވަނީ މަޖިލީހުގެ ޖަލްސާ ބާއްވާ މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށެވެ. މަޖިލީހުން ބުނީ މާލަމުގައި ތިއްބަވާ މެމްބަރުން ކަނޑައެޅިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކުލަވާލާ އުސޫލެއްގެ ދަށުން ކަަމަށެވެ. އަދި މި އިންތިޒާމްތައް ތަންފީޒުކުރައްވަމުން ގެންދަވާނީ، މަޖިލީހުގެ ރައީސް އަންގަވާގޮތެއްގެ މަތިން މަޖިލީހުގެ ސަރޖަންޓް އެޓް އާރމްސް ކަމަށް އެސްއޯޕީގައި ބުނެފައިވެއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހަށް ވަޑައިގަންނަވާ މެންބަރުން އިށީނދެވަޑައިގެން ތިއްބަވާނީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ދުރުމިނުގައި ކަމަށެވެ. މީގެއިތުރުން، އެއްވަގުތެއްގައި އެއްމޭޒެއްގައި 2 މެންބަރުން ނުތިއްބަވާގޮތަށް ކަނޑައަޅާފައިވާއިރު ވޯޓުލުމުގައިވެސް އަމަލުކުރުމަށް ހަމަޖެހިފައިވަނީ އެގޮތަށް ކަމަށް އެސްއޯޕީގައިވެއެވެ.

މިއަދު ހެނދުނު 11:00ގައި މަޖިލީހުގެ އިދާރާގައި ބާއްވާ ޖަލްސާގެ އެޖެންޑާގައި އޮތީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނު އަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ މެދު ބަހުސްކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން