ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މަރާމާތުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 95 އިންސައްތަ ނިމިފައިވާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ހާމަކޮށްފިއެވެ.

އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތް މުޅިން އައު ހަރުފަތަކަށް ގެންގޮސް ދެއްވުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މަރާމާތުގެ މަސައްކަތްތައް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެމްޓީސީސީން މިއަދު ބުނީ ކުޅުދުއްފުށި ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގައި ހިމެނޭ ވޯރޑް އިމާރާތުގެ 99 އިންސައްތަ މަސައްކަތާއި އައި.ސީ.ޔޫ. ޔުނިޓްގެ މަސައްކަތުގެ 83 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ވޯރޑް އިމާރާތް އެޅުމާއި، އޯޕީޑީ އިމާރާތް އެޅުމާއި ލެބޯރެޓަރީ އިމާރާތް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މަޢުލޫމާތުދީފައިވެއެވެ. ހޮސްޕިޓަލްގެ އޯ.ޕީ.ޑީ އިމާރާތް ހަދައި ނިމޭއިރު، ބަލި މީހުން ބެލުމަށް ޚާއްޞަ 21 ރޫމަކާއި، ޓްރީޓްމެންޓް ރޫމަކާއި، ޕްރޮސީޖަރ ރޫމަކާއި، އީސީޖީ ރޫމެއްގެ އިތުރުން އެކޯ ރޫމެއް ހިމެނޭނެ އެވެ.

މި މަޝްރޫޢަކީ ދައުލަތުން 30.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ރާއްޖޭގެ އުތުރުގެ ރައްޔިތުން ސިއްޙީ ޚިދުމަތް ހޯދުމަށް އެންމެ ބޮޑަށް ބަރޯސާ ވެފައިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އަންނަމުންދާ ކުރިއެރުންތަކަކީ އުތުރުގެ އަތޮޅުތަކުގެ ރައްޔިތުންގެ ހިތްތަކަށް ހިތްހަމަޖެހުމުގެ ތަސައްލީއެއް ގެނެސްދޭނެ ކުރިއެރުންތަކެއްކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން