މިއަދުގެ ރަސްމިއްޔާތުގައި ރައީސް އަށް ހަނދާނީ ފިލައެއް އަރުވަނީ
މިއަދުގެ ރަސްމިއްޔާތުގައި ރައީސް އަށް ހަނދާނީ ފިލައެއް އަރުވަނީ
ޅ. މަޑިވަރު އެއާޕޯޓު ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މިއަދު ހުޅުވައިދެއްވައިފިއެވެ.

މަޑިވަރު އެއަރޕޯޓުގެ ދަތުރުތައް އިފްތިތާހު ކޮށްދެއްވުމަށް ރައީސް ޞާލިޙް މިއަދު މަޑިވަރަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ކުރެއްދޫ ހޯލްޑިންގްސްގެ ވެރިންނާއި މަޑިވަރު އެއާޕޯޓްގެ އިސްވެރިންނެވެ.

މިރަސްމިއްޔާތުގައި ރައީސް ޞާލިޙް ވިދާޅުވީ ޅ. އަތޮޅު ރައްޔިތުން އެއާޕޯޓެއްގެ ހުވަފެން ދެކޭތާ 16 އަހަރު ވެއްޖެ ކަމަށާއި ދިގު އިންތިޒާރަކަށްފަހު އެއާޕޯޓް މަޝްހޫރު ހަގީގަތަކަށް ހަދައިދެއްވީތީ ކުރެއްދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މޫސާ (އުއްޗު) އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިހާރުގެ އަމާޒަކީ އެއަރޕޯޓް އިންޓަނޭޝަނަލް ކުރުންކަމަށާއި އެ މަސައްކަތުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މަޑިވަރު އެއާޕޯޓްގެ ދަތުރުތައް މިއަދު ފެށިގެންދިއުމަކީ ޅ. އަތޮޅަށް ނިސްބަތްވާ ރައްޔިތެއްގެ ޙައިސިއްޔަތުން އެމަނިކުފާނަށް ވެސް ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފަލެއް ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ކޮންމެ 30 މިނެޓަކުން ދެވޭ ހިސާބުގައި އެއާޕޯޓެއް ތަރައްޤީކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާރު ރާއްޖޭގެ އުތުރުގެ ކޮންމެ އަތޮޅެއްގައިވެސް އެއާޕޯޓެއް އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ފަރެސްމާތޮޑާ އެއަރޕޯޓާއި މ. މުލީ އެއަރޕޯޓް ހުޅުވުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ. އަދި އިތުރު 7 އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެއާޕޯޓަށް ދަތުރުތައް ފެށުމުގެ ހުއްދަ އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ އެވެ. އަދި އެއާޕޯޓުގެ ފުރަތަމަ ބޯޑިން ފާސް ރައީސް ޞާލިހާ ހަވާލުކޮށްދެއްވީ އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިއާދު އެވެ. އޭގެ އިތުރުން ކުރެއްދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މޫސާ (އުއްޗު) ވަނީ ރައީސަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

1200 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީ ކޮށްފައިވާ މަޑިވަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މަޑިވަރު އެއާޕޯޓަށް އެއްކޮޅަށް ޓިކެޓެއްގެ އަގަކީ 1،029 ރުފިޔާ އެވެ. ދެކޮޅު ޓިކެޓްގެ އަގަކީ 2،058 ރުފިޔާ އެވެ.

ސިޓީ ހޮޓަލަކާ އެކު، މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އަޅަން ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކުރީ ރައީސް ޔާމީންގެ ވެރިކަމުގައި 29 މެއި 2018 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން