ޑރ. އަަަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޑރ. އަަަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޢުމުރުން ދެއަހަރުން ދަށުގެ ކުޑަކުދިން މާސްކް ނޭޅުވުމަށް ކޯވިޑް-19އާ ގުޅިގެން އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރ، ޑރ. އިބްރާހިމް އަފްޒަލް އިލްތިމާސް ކުރައްވައިފިއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.އަފްޒަލް ވިދާޅުވީ ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި އުމުރުން ދެއަހަރުގެ ކުޑަކުދިން މާސްކް އެޅުވުމަކީ ރައްކާތެރިކަމެއް ނޫންކަމަށެވެ. ސަބަބަކީ އެވަރު ކުދިންނަށް މާސްކް ނައްޓަން ބޭނުންވާ ވަގުތުތަކުގައި މާސްކް ނައްޓަން ނޭގިދާނެތީކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. ޑރ.އަފްޒަލް ވިދާޅުވީ އެވަރުގެ ތުއްތު ކުދިން ސަލާމަތްކުރުމަށްޓަކައި އެކުދިން މާސްކް އެޅުވުމުގެ ބަދަލުގައި މުހިންމީ އެކުދިން ކައިރީގައި އުޅޭ އެހެން މީހުން މާސްކް އެޅުން ކަމަށެވެ.

މާސްކް އަޅަންޖެހޭގޮތް ތަފްސީލްކޮށް ދެއްވަމުން ޑރ.އަފްޒަލް ވިދާޅުވީ ފޭސް މާސްކްތައް ހުންނަން ވާނީ ނޭފަތާއި އަނގަމަތި ރަނގަޅަށް ކަވަރުކޮށްފައިކަމަށެވެ. އަދި މާސްކްގައި މަދުވެގެން ދެ ލޭޔަރު ނުވަތަ ތިން ލޭޔަރު ހުންނަން ވާނެ ކަމަށާއި މާސްކް އަޅައިގެން ހުންނަ އިރު ފަސޭހައިން ނޭވާ ލެވެން ޖެހޭނެ ކަމުގައި ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިދަނޑިވަޅުގައި އެކި ފަރާތްތަކުން ފޮތި މާސްކްތައްވެސް ބޭނުންކުރަމުންދާއިރު މާސްކް ހަދައިފައި ހުންނަ ފޮއްޗަކީ އެކަށީގެންވާ ފޮއްޗަކަށް ވާން ޖެހޭނެކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ޑިޓާޖެންޓް ބޭނުން ކޮށްގެން ރަނގަޅަށް މާސްކް ދޮންނަން ވާނެކަމަށާއި މާސްކް ނައްޓާއިރު ލޮލުގައި އަތް ނުލުމަށް ޑރ. އަފްޒަލް އިލްތިމާސްކުރެއްވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި މާސް އެޅިކަމުގައި ވީނަމަވެސް ގިނަގިނައިން އަތްދޮވުމާއި ގައި ދުރުކަން ބެހެއްޓުމަށް ޑރ. އިބްރާހިމް އަފްޒަލް އިލްތިމާސް ކުރެއްވިއެވެ. ކޯވިޑް-19 އާ ގުޅިގެން އެންމެ ފުރަތަމަ މާސްކް އެޅުމަކީ މުހިއްމު ކަމެއް ނޫންކަން ޑޮކްތަރުން ފާހަގަކުރިނަމަވެސް މާލެއިން މި ބަލި ފެނި ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔުމާ ގުޅިގެން މާސްކް އެޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ވަކިން ޚާއްޞަކޮށް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުންނައިރު މާސްކް އެޅުމަށް ޑޮކްޓަރުން ލަފާދެއްވައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން