ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުް މުޙައްމަދު ނަޝީދު
ކައުންސިލަރުންގެ ދައުރު ދެންމުމާ ގުޅޭ ގޮތުން އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދަން ގާނޫނީ ލަފައެއް ހޯދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ކައުންސިލަރުންގެ ދައުރު ދަންމަން ގާނޫނުއަސާސީ އަށް ސަރުކާރުން އިސްލާހު ހުށަހެޅި ގޮތަށް ފާސްކޮށްފި ނަމަ ގާނޫނުއަސާސީގައި ކައުންސިލަރުންގެ ދައުރު ބަޔާންކުރާ އެހެން މާއްދާއަކާ ފުށުއަރާ ކަމަށެވެ.

ޖަލްސާ ފަށްޓަވައި ބަހުސަށް ހުޅުވާލުމުގެ ކުރިން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަ ފުޅުގައި ބިލާމެދު ކޮމިޓީން ނިންމަވާފައިވާ މުހިންމު ނިންމުންތައް ވެސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ކޮމިޓީ މަރުހަލާގައި ބިލުގެ މަގުސަދާ މެދު ޚިޔާލު ތަފާތުވެ މަގުޞަދު މިހާރު ބަދަލު ކޮށްފައިވަކަން ފާހަގަ ކުރެއްވިއެވެ.

ސަރުކާރުން ހުށައެޅި ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިއްމާފައިވަނިކޮށް ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން މިހާރު ފޮނުވާފައި އޮތް އިސްލާހުން ދައުރު ދިގު ދެންމޭނެކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އިންތިހާބީ ކައުންސިލަރުންގެ މުއްދަތު އިތުރުކުރެވޭނެ "ސުވިޗު" ގާނޫނު އަސާސީގައިވާ ކަމަށެވެ. ޢެ "ސުވިޗަކީ" ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ހ ) ކަމުގައި ނަޝީދު ވިދާޅުވިއެވެ. އެ މާއްދާގައި ބުނެފައިި ވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނެންވާނީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ދީމިގްރާތީ އުސޫލުތަކުގެ މަތީން، ސިއްރުވޯޓަކުން އިންތިހާބުކުރާ މެންބަރުން ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި މިމަޖިލިސް މިހާރު އެބަދޭ ލަފާ ހޯދާ ތަނަށް. އަޅުގަނޑުމެނަށް މި ގާނޫނު އަސާސީގައި ބުނާ ގޮތްތަކާ ގުޅޭގޮތުން ލަފާ އެބަ ބޭނުންވޭ. ބަންޑާރަ ނައިބް ވިދާޅުވާ ގޮތްތަކެއް އެބަވޭ. މަޖިލީހުގެ ކައުންސެލާ ޖެނެރަލް އިއްތިފާގުވާ ގޮތްތަކެއް އެބަވޭ ބަންޑާރަ ނައިބާއެކުގައި. އެހެން ނަމަވެސް މަޖިލީހުގެ މެންބަރުންނެއް މިދެންނެވި ގޮތްތައް މުޅިއަކުން ބަލައެއް ނުގަނޭ." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިކަހަލަ ހާލަތްތަކުގައި ގާނޫނު އަސާސީގައި ބުނާ ހަމަތައް ބޭނުން ކުރަން ޖެހޭނެ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މިކަމާމެދު މެމްބަރުން ވިސްނާވަޑައިގަތުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. މެމްބަރުން ނިސްބަތްވާ ދާއިރާގެ ރައްޔިތުން ފިޔަވައި އެހެން މީހަކަށް މެމްބަރުުންގެ ވޯޓަށް "ނުފޫޒު" ނުފޯރުވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މަޖިލީހުގެ ރައީސް މި އިޝާރާތް ކުރައްވަނީ ކޮންފަރާތެއްގެ ނުފޫޒުގެ ވަހަކަ ކަމެއް އަދި މިކަމަށް ނުފޫޒު ފޯރުވަން އެއްވެސް ފަރާތަކުން އުޅޭ ކަމަކަށް އަދި އެނގިފައެއް ނުވެއެވެ. މި މަސައްކަތުގެ ތެރެއިން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ވިސްނުން ދެކަފިވެ ސަރުކާރުގެ ވިސްނުމަކާއި އެހެން އިތުރު ވިސްނުމެއް މީގެ ތެރޭގައި ހިނގަމުންދާކަން މިހާރު ފާހަގަ ކުރެވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަންޑާރަނައިބާ މަޖިލީހުގެ ކައުންސެލް ޖެނެރަލް މި މައްސަލައިގައި ލަފާދެއްވާފައި ވީނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެކަން ގަބޫލުކުރަން ދަތިކަމަށެވެ.

"އަޅުގަނޑުމެންނަށް ގާނޫނު އަސާސީގައި މި ބަޔާންކުރާ ގޮތްތަކާ ގުޅޭގޮތުން ގާނޫނީ ލަފާ އެބަ ބޭނުންވޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.

މިހާރު ކުރިއަށްދާ ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ރޭ އެޕާޓީގެ ޕީޖީ ގްރޫޕުން ނެރުނު ތުރީ ލައިން ވިޕާ ދެކޮޅަށް ވެސް ވާހަކަ ދައްކަވާފައެވެ. ގާނޫނު އަސާސީ އިސާލާހު ކުރުމަށް ސަރުކާރުން ހުށައަޅާފައިވާ ހުށައެޅުމާއިމެދު މިއަދު އެންމެ ބޮޑަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ވިދާޅުވެފައިވާ އެއް ބޭފުޅަކީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުން ފާސްކުރައްވައިފި ނަމަ ގާނޫނީ ލަފައެއް ހޯދިދާނެ ކަމަށެވެ. ގާނޫނުއަސާސީ ބުނެފައިވަނީ މަޖިލީހުން ފާސްކޮށްގެން ހޯދާ ލަފަޔަކީ ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ފަސްކުރަންޖެހި އެކަމުގައި ގޮތެއް ނިންމަން މީގެ ކުރިން ވެސް ކޯޓަށް ހުށައެޅިއެވެ. އެހެން ނަމަވެސް މައްސަލަ އަނބުރާ ގެންދިޔައީ އެކަމުގައި ހައްލު ހޯދައިދެވޭނީ މަޖިލީހަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


4

ދުރުމި

28-May-2020

ނަޝީދެއްނޫންތަ ބުނީ މައްސަލަ ހައްލުކުރާނީ މަޖީހުންނޭ. ސުޕްރީމް ކޯޓަކުން ނޫނޭ.


10

އައްލާ އައްޑޫ ހިތަދޫ ބަދަރުން

28-May-2020

މިއީ މިގައުމަށް ކުރިމަތިވެފަވާ ބަލާއެއް.. މާތްރަސްކަލާކޯ އިބްރާހީމްގެފާނު ނަމުރޫދުގެ އަލިފާނުން ސަލާމަތް ކުރެއްވިފަދައިން , މޫސާގެފާނު ފިރުއައުނުގެ ކިބައިން ސަލާމަތް ކުރެއްވިފަދައިން މުހައްމަދުގެފާނު އަބޫ ޖަހުލުގެ ކިބައިން ސަލާމަތް ކުރެއްވި ފަދައިން މިބަލާއިން މިގައުމު ސަލާމަތް ކުރަވާދޭވެ.. އާމީން



ޓްރެންޑިން