މީރާއިން ބަޔަކު ޚިދުމަތް ހޯދަނީ
މީރާއިން ބަޔަކު ޚިދުމަތް ހޯދަނީ
އާމްދަނީގެ ގޮތުގައި މިއަހަރު ލިބޭނެ ކަމަށް ބެލެވެނީ ޖުމުލަ 8.95 ބިލިއަން ރުފިޔާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހު ﷲ ޖަމީލު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީރާގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދެއްވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހު ﷲ ޖަމީލު ވިދާޅުވީ މިއީ ކުރީގެ އަންދާޒާތަކާއި އަޅާ ކިޔާއިރު، 48 އިންސައްތަ ދަށްވުމެއް ކަމަށެވެ. މި އަހަރުގެ ބަޖެޓުގައި ދައުލަތަށް 17.2 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މިހާރު އަންދާޒާކުރާ 8.5 ބިލިއަން ރުފިޔާއަކީ މީރާ އިން އެކުލަވާލާ، ފިނޭންސް މިނިސްޓްރީ އަދި ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފައިވާ ސިނޭރިއޯތަކުގެ ތެރެއިން ތިންވަނަ ސިނޭރިއޯގައި އިގްތިސާދު ފެށިއްޖެނަމަ، ލިބޭނެ އާމްދަނީ ކަމަށް ފަތުހު ﷲ ވިދާޅުވިއެވެ. ކޯވިޑް 19 އާއި ގުޅިގެން އިގްތިސޯދަށް ކުރަމުންދާ އަސަރުތަކާއެކު މީރާ އަށް ލިބޭ އާމްދަނީ އާއި ގުޅޭ ފަސް ސިނާރިއޯ އެއް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީ އާއި އެހެނިހެން އިދާރާތަކާ ހިއްސާ ކޮށްފައިވާނެ ކަމަށް ފަތުހު ﷲ ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް އައި ހީނަރުކަމާއެކު މިއަހަރުގެ މިހާތަނަށް މީރާ އަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށްވެފައިވާ ކަން ފާހަގަކުރައްވަމުން ފަތުހު ﷲ ވިދާޅުވީ ޖެނުއަރީމަހު އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް، ކޯވިޑްގެ އަސަރާއެކު އޭޕްރީލް މަހު ލިބުނު އާމްދަނީ 527 މިލިއަން ރުފިޔާ އަށް ވެއްޓިފައިވާ ކަމަށެވެ. މި މެއިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް މީރާ އަށް އާމްދަނީގެ ގޮތުގައި ލިބުނީ 109 މިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތިންވަނަ ސިނޭރިއޯގައި ފަތުރުވެރިކަން ފެށުމަށް ބޯޑަރު ހުޅުވާލާ ގޮތަށް ނިއްމައިފައިވަނީ އަންނަ ޖުލައި މަހުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން