ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ޓޫރިޒަމް އަލުން ހުޅުވާލައި ރައްކާތެރިގޮތުގައި ޓޫރިޒަމް ދާއިރާ އަލުން ފަށައިގަތުމަށް ކޮމަންވެލްތުގެ އެހީ އަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު އެދިވަޑައިގެންފިއެވެ.

ކޮމަންވެލްތުގެ ގައުމުތައް ބައިވެރިވެގެން ބޭއްވި ވެބިނާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮމަންވެލްތާއި އަލުން ގުޅުމަކީ ލިބުނު އުފަލެއް ކަމަށެވެ. އަދި މި ހާލަތުގައި އެ ޖަމިއްޔާ އިން ރާއްޖެއަށް ވެދޭ އެހީ ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ ޓޫރިޒަމް ދާއިރާ އަލުން ކުރިއެރުވުމަށް އެ ޖަމިއްޔާގެ އެހީއަށް އެދިވަޑައިގެންފައެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެންމެ ގޯސް ހާލަތުގައި، ޓޫރިޒަމް ދާއިރާ 26 ޕަސެންޓު ދަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ވެސް ބޯޑަރު ހުޅުވާލަން." އަލީ ވަހީދު ވިދާޅުވި އެވެ.

2004 ވަނަ އަހަރުގެ ސުނާމީ އާއި 2008 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދަށް ކުރި އަސަރަށްވުރެ ބޮޑު އަސަރެއް މި އަހަރުގެ މާޗު މަހުން ފެށިގެން ރާއްޖެ އަށް ކޮށްފައިވާ ކަން މިނިސްޓަރު އަލީ ވަހީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖޭގެ ބޯޑަރު އިތުރު މުއްދަތަކަށް ބަންދުކޮށްފައި ބާއްވަން ޖާގައެއް ނެތް ކަމަށާއި ވީހާވެސް އަވަހަށް ބޯޑަރު ހުޅުވާލަން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާ ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ޓޫރިޒަމް އަންނަ ޖުލައި މަހު ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީ މިހާރު ދަނީ ތައްޔާރުވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން އެކުލަވައިލި ގައިޑްލައިންގައިވާ ކަންތައްތަކާ ގުޅޭގޮތުން ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާ މަޝްވަރާ ކޮށްފައިވާއިރު މި މަސް ނިމުމުގެ ކުރިން އެ ގައިޑްލައިނަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް ގެނެސް ކަމާ ބެހޭ އިދާރާތަކާ ހަވާލު ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ރާއްޖެއިން ކޮމަންވެލްތުގެ ގައުމުތަކުގެ ބޯޑަރު ހުޅުވާލުމަށް އެދިފައިވާއިރު އެ ޖަމިއްޔާގައި 54 ގައުމު ހިމެނެއެވެ. ރައީސް ޔާމިންގެ ސަރުކާރުގައި ރާއްޖެ ކޮމަންވެލްތުން ވަކިވި ނަމަވެސް މިސަރުކާރުން އަލުން މިހާރު ވަނީ ކޮމަންވެލްތާ ގުޅުން ގާއިމްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން