ރާއްޖޭގެ މީޑިއާތަކުން ނޫސްވެރިންގެ ބައްދަލުވުމެއްގައި
ރާއްޖޭގެ މީޑިއާތަކުން ނޫސްވެރިންގެ ބައްދަލުވުމެއްގައި
ރާއްޖޭގެ މީޑިއާތައް ގިންތި ކުރުމަށް އެކަށީގެންވާ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް އެޑިޓަރސް ގިލްޑުން ހާމަކޮށްފިއެވެ.

މޯލްޑިވްސް އެޑިޓަރސް ގިލްޑުން މިއަދު ޢާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި މިނިވަން ނޫސްވެރިކަން ފުޅާވެ ގިނަ އަދަދެއްގެ ނޫސްތަކެއް ރަޖިސްޓަރީ ކޮށްފައިވީ ނަމަވެސް ޤަވާއިދުން ނެރެމުންގެންދަނީ މަދު ޢަދަދެއްގެ ނޫސްތަކެއް ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގައި އަމިއްލައަށް ހަބަރާއި މައުލޫމާތު ހޯދައިގެން ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް، ފުޅާ ދާއިރާއެއްގައި ހަބަރާއި މައުލޫމާތު ފަތުރަމުން ގެންދާ ނޫސް މަޖައްލާތަކާއި އިދާރާތަކާއި ޗެނަލްތައް މަދުކަންވެސް އެޑިޓަރސް ގިލްޑްގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް މިފަދަ ނޫސްތަކާއި ޗެނަލްތަކުން އުފައްދާ ހަބަރާއި ރިޕޯޓުތައް ނަކަލު ކޮށްގެން ޝާއިއު ކުރަމުން

ގެންދާ ގިނަ އަދަދެއްގެ ނޫސް މަޖައްލާ ބްލޮގްތައް ރާއްޖޭގައި ހިންގާކަން އެޑިޓަސް ގިލްޑުން ވަނީ ފާހަގަ ކޮށްފައެވެ.

"މިނިވަންކަމާއެކު ޒިންމާދާރުކޮށް ނޫސްވެރިކަން ކުރުމަށްޓަކައި، ހަމައެކަނި މީޑިއާއެއް ނުވަތަ ނޫހެއް ރަޖިސްޓްރީކޮށްލުމުގެ ބަދަލުގައި، އެއީ ރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ފުރިހަމަވާން ޖެހޭ އެހެނިހެން ކަންކަން ފުރިހަމަކޮށްގެން ހިންގާ މީޑިއާތަކެއްކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. އެގޮތުން ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައި ވުމުގެ އިތުރުން، ނޫހުގެ އިދާރާ އަކާއި، މުވައްޒަފުންގެ ޕެންޝަނާއި، މުވައްޒަފުންގެ މުސާރަ ބޭންކަށް ޖަމާވާ އިންތިޒާމު ހަމަޖެހިފައި ހުރުމަކީ ރާއްޖޭގެ މުޅި މީޑިއާގެ ސިނާއަތު ކުރިއަރުވައި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމަށްޓަކައި މުހިންމުކަމެކެވެ." އެޑިޓަރސް ގިލްޑްގެ ބަޔާނުގައިވެއެވެ.

އެޑިޓަރސް ގިލްޑުން ބުނީ އެކިއެކި ވިޔަފާރިތަކުން ނޫސް މީޑިއާތަކަށް އިޝްތިހާރާއި ސްޕޮންސާ ދިނުމުގައި ބަލާނެ އެކަށީގެންވާ އުސޫލެއް ހެދިފައި އޮންނަން ޖެހޭ ކަމަށެވެ.

"އެހެންކަމުން މި ޖަމްއިއްޔާއިން މަސައްކަތް ކުރަމުން ގެންދަނީ، މީޑިއާތައް ގިންތި ކުރުމަށް އެކަށޭނަ އުސޫލެއް އެކުލަވާލަމުންކަން މިފުރުސަތުގައި ފާހަގަ ކުރަމެވެ. އަދި މި ކަމުގައި މިނިވަން ނޫސްވެރިކަމާއި މީޑިއާގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ އަދި އެ ކަމުގެ ޝައުގުވެރިކަން ހުރި އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން މި ޖަމިއްޔާ އިން ހޯދައި އަދި ބަލައިގަންނާނެކަން ވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ." އެޑިޓަރސް ގިލްޑުގެ ބަޔާން ނިންމާލަމުން ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން