ހެލްތު މިނިސްޓަަރ އަބްދުﷲ އަމީން
ހެލްތު މިނިސްޓަަރ އަބްދުﷲ އަމީން
މިހާރުގެ ފުރަބަންދުގެ މުއްދަތު ނިމުމުން ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމާ، އެކަންކަން ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އެވެ. މިނިސްޓަރ އަމީން ވަނީ ސަރުކާރުން ދޭނެ ލުއިތަކުގެ ތަފްސީލު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވާފައެވެ.

ފުރަބަންދަށް ލުއި ދިން ނަމަވެސް ސަރުކާރުގެ އޮފީސްތަކާއި ސެލޫންތަކާއި ޖިމްތަކާއި ސްކޫލްތައް އަދި ރެސްޓޯރަންޓް ކެފޭތައް ފުރަތަމަ ފިޔަވަހީގައި ނުހުޅުވާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ ހުއްދަ އާއިއެކު ގޭބިސީތަކުން ނިކުމެވޭ މީހުންގެ އަދަދު އިތުރުކޮށް، ދެވޭ ސަރަހައްދުތައް އިތުރުކުރުމަށް ނިއްމާފައިވާ ކަމަށެވެ.

މީގެ އިތުރުން ވިޔަފާރިތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަން ހާމަކުރައްވަމުން ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ ކަސްޓަމަރުންނަށް ވަދެގެން ވިޔަފާރި ކުރެވޭނެ ތަންތަން އިތުރުކޮށް، ބައެއް އެހެން ވިޔަފާރިތަކަށް އޮންލައިންކޮށް ވިޔަފާރިކުރުމަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.

މިހާރު މި އިއުލާން ކުރި ހާލަތު ދެމިގެން ދާނީ ދެ ހަފުތާ އަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިތުރު ލުއިތަކެއް ދިނުމާއިމެދު ގޮތެއް ނިންމާނީ، ކުރިއަށް އޮތް ދެ ހަފުތާއަށް ބެލުމަށް ފަހު ކަމަށް މިނިސްޓަރ އަމީން ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ރީޓެއިލް ފިހާރަތަކަށް ހިދުމަތް ދިނުމަށް ހުއްދަ ދޭން ނިންމާފައިވާ ނިންމުމުގެ ތެރެއިން ސްޕަމާކެޓް، ބޭކަރީ، ކަންމަތީ ފިހާރަ އާއި ފާމަސީ އާއި ބުކްޝޮޕާއި ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް އަދި ހާޑްވެއާ ފިހާރަތައް ހުޅުވޭނެ ކަމަށެވެ. ނަމަވެސް މޯބައިލް ފޯން ފިހާރަތަކާއި އިލެކްޓްރޯނިކް ތަކެތި ވިއްކާ ފިހާރަތަކާއި، ފޮތި ފިހާރަ އަދި ކުޅިވަރު ސާމާނު ވިއްކާ ފިހާރަތަަކާއި، ރީތިވާ ސާމާނު ވިއްކާ ފިހާރަތަކަށް އޮންލައިންކޮށް ހިދުމަތްދޭ ޑެލިވަރީ ކޮށްދިނުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ބޭންކްގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ފުރަތަމަ ދެ ހަފްތާގައި ތިން ދުވަހަށް އަދި އޭގެ ފަހުން ފަސް ދުވަހަށް ބޭންކް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަން މިނިސްޓަރ ހާމަކުރެއްވިއެވެ. އަދި ކެފޭ ރެސްޓޯރަންޓްތަކަށް ފުރަތަމަ ދެ ހަފްތާގައި ޑެލިވަރީ އަދި އޭގެ ފަހުުން ޓޭކްއަވޭއަށް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރ އަމީން އިތުރަށް ވިދާޅުވީ ލުއިތައް ދިނުމުގެ ފުރަތަމަ ފިޔަވަހީގައި ލުއި ދެވުނީ މީހުންނަށް ނިކުމެ އުޅެވޭނެ ގޮތާއި، އިގްތިސާދީ ހަރަކާތްތަކަށް ފުރުސަތު ދިނުމާއި، ވިޔަފާރިކުރުމަށް ލިބޭނެ ޖާގަ ދިނުމާއި، މާލޭ ސަރަހައްދުގައި ދަތުރުފަތުރުކުރުމަށް ލިބޭ ލުއިތަކާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހުރި ޖާގައިގެ މައްޗަށް ބަލާފައި ކަމަށެވެ. ކުރިއަށް އޮތް ދެ ހަފްތާއަށް ލޮކްޑައުންގެ ހާލަތަށް ލުއި ދިންނަމަވެސް އެއްރަށުން އަނެއް ރަށައް ދަތުރުނުކުރެވޭނެ ކަމަށް ހެލްތް މިނިސްޓަރު އަމީން  ވިދާޅުވިއެވެ.

"މި ލުއި މިދިނީ އެއްގޮތަކަށްވެސް މިބަލިމަޑުކަމުން އަރައިގަނެވިގެންނެއް ނޫން. ނަމަވެސް މި ހާލަތުގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދިފައި. އެހެންވީމަ މިއީ ރައްޔިތުންނަށް ލުއިތަކެއްދޭންވީ ވަގުތުކަމަށް ސިއްހީ ތަޖުރިބާކާރުންނަށްވެސް ގަބޫލުކުރެވިގެން މި ލުއިތައް މި ދެނީ. އެހެންނަމަވެސް ހަނދާން ކުރަންޖެހޭ ކަމަކީ ކުރިން ނެތް ފިޔަވަޅުތައްވެސް އަލުން އަޅާ ފުލްލޮކްޑައުންއަކަށްދާންވެސް ޖެހިދާނެ." އަމީން ވިދާޅުވިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޓެގް ޓީމުގެ ހެޑް ޑރ. އަލީ ލަތީފް ވިދާޅުވީ ލުއިތަކެއް ދިނުން އެއީ ބަލި އެއްކޮށް ކޮންޓްރޯލްވުން ނޫން ކަމަށެވެ. ލުއިތައް ދިނުމުން ބަލި އިތުރަށް ފެތުރޭނަމަ އަލުން ލޮކްޑައުން އަށް ދާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް 19 އާއި ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވާ މުއްދަތު މާދަމާ އަށް ހަމަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން