މާލޭގައި އަލަށް އިމާރާތް ކުުރާ މިސްކިތެއް- މާލެ ސަރަހައްދުގެ ލޮކްޑައުނަށް ލުއި ދިން ނަމަވެސް މިސްކިތްތައް އަދި ނުހުޅާވާނެ (ރަސް ފޮޓޯ- ޝާހް)
މާލޭގައި އަލަށް އިމާރާތް ކުުރާ މިސްކިތެއް- މާލެ ސަރަހައްދުގެ ލޮކްޑައުނަށް ލުއި ދިން ނަމަވެސް މިސްކިތްތައް އަދި ނުހުޅާވާނެ (ރަސް ފޮޓޯ- ޝާހް)
ލޮކްޑައުންގެ ހާލަތަށް ލުއި ދޭން ނިންމި ނަމަވެސް ކުރިއަށް އޮތް ދެ ހަފުތާގައި ވެސް މިސްކިތްތައް ހުޅުވަން ހަމަޖެހިފައި ނުވާ ކަމަށް އެންއީއޯސީން ހާމަކޮށްފިއެވެ.

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޯވިޑްގެ ބަލިމަޑުކަން އަދިވެސް މުޖުތަމައުން މުޅިން ފިލައިގެން ނުދާ ކަމަށާއި އަދި ކޯވިޑްގެ ހާލަތު މުޅިން ރަނގަޅު ވެގެން ވެސް ނުދާ ކަމަށެވެ. އެެހެން ކަމުން ލޮކްޑައުންގެ ހާލަތަށް ލުއި ދިން ނަމަވެސް ހުރިހާ ކަމަކަށް ލުއި ދޭން ނިންމާފައި ނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާގައި ލުއިދޭ ކަންތައްތަކުގެ ތެރޭގައި މިސްކިތްތައް ހުޅުވާލުން ނުހިމެނޭ ކަމަށެވެ. އެހެން ކަމުން އެ މުއްދަތުގައި މިސްކިތްތައް ހުންނާނީ ބަންދުކޮށްފައި ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އޭޕްރީލް މަހުގެ 19 ވަނަ ދުވަހު މުޅި ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާ، މިސްކިތްތައް ވަނީ ބަންދު ކޮށްފަ އެވެ. މިސްކިތްތައް ހުޅުވުމުގެ ހުއްދަ މާލެ ސިޓީއާއި ހަތް ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސަރުކާރުން މިހާރު ވަނީ ދީފައެވެ. އެހެން ކަމުން ކުރިއަށް އޮތް ދެ ހަފުތާގައިވެސް މާލެ ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުމެއް ނޯންނާނެެ ކަމަށާއި، މިސްކިތްތައް ހުންނާނީ ބަންދުކޮށްފައި ކަމަށް ސަރުކާރުން ހާމަކުރެއެވެ.

މާލެ ސިޓީގެ އިތުރުން ށ. ނަރުދޫ، ނ. މަނަދޫ ، ކ. ހިންމަފުށި، ކ. ތުލުސްދޫ، ހއ. ތަކަންދޫ، އަދި ށ. މިލަންދޫ މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތުމުން މި ރަށްތަކުގައި ޖަމާއަތުގައި ނަމާދެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން