މ. މަޑުއްވަރީ މަސްޖިދުލް ޢަމަލް
މ. މަޑުއްވަރީ މަސްޖިދުލް ޢަމަލް
ރާއްޖޭގެ ބައެއް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮތް އޮތުން، ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރަން ނިއްމައި އެކަން އިސްލާމިކް މިނިސްޓްރީއިން އިއުލާންކޮށްފިއެވެ.

ބަލި ނެތް ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ދީފައެވެ. މިހާރު ހަތް ރަށެއް ފިޔަވާ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ މިދިޔަ ފިތުރު އީދު ދުވަހުން ފެށިގެން ވަނީ ދީފައެއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޯވިޑް- 19 އާއި ގުޅިގެން ރާއްޖޭގެ ބައެއް ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާގޮތަށް ނިންމާފައިއޮތް އޮތުން 14 ޖޫން 2020 ވާ އާދީއްތަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް އިތުރުކުރަން ނިއްމައިފައިވާ ކަމަށެވެ.

ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށްފައި އޮތީ ފުރަބަންދު އަދި މޮނީޓަރިންގައި ހުރި ރަށްތަކާއި ކަރަންޓީންކޮށްފައި މީހުން ތިބި ރަށްތަކުގައި އެކަންޏެވެ. އަދި މޮނީޓަރިންގެ ހާލަތުން ނެގިތާ 14 ދުވަސް ހަމަ ނުވާ ރަށްތަކުގައި ވެސް މިސްކިތުގައި ޖަމާއަތް ހެދުން މަނާވާނެކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ.

އެގޮތުން މިހާރު ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ނުދެނީ މާލެ ސިޓީ އާއި ހއ. ތަކަންދޫ، ށ. ނަރުދޫ، ށ. މިލަންދޫ، ނ. މަނަދޫ، ކ. ހިންމަފުށި އަދި ކ. ތުލުސްދޫ އެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެ ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދެވޭނީ، ހާލަތު ބަދަލުވުމުން އެ ހާލަތައް ރިއާޔަތްކޮށްފައި ކަމަށެވެ. އަދި އެ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރާނަމަ އެކަން ހުއްޓުވައި ދިނުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ އަންގާފައެވެ.

މިދިޔަ ހުކުރު ދުވަހު މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައިވަނީ ހާއްސަ އިންތިޒާމެއްގެ ތެރެއިންނެވެ. އެގޮތުން މިސްކިތްތަކުގައި ކާޕެޓު ނެގުމަށާއި ގެއިން ވުޟޫކުރުމާއި ގެއިން މުއްސަލަ ހިފައިގެނެ މިސްކިތައް ދިއުމަށް މިނިސްޓްރީން ވަނީ މީގެ ކުރިން އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން މިސްކިތުގައި ގިިނަ ވަގުތު ހޭދަ ނުކުރުމަށާއި މާސްކް އެޅުމަށާއި އުމުރުން ދުވަސްވީ މީހުން މިސްކިތައް ނުދިޔުމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން