ރައްޔިިތުުންގެ މަޖިލީސް
ރައްޔިިތުުންގެ މަޖިލީސް
ދާއިރާގެ ރައްޔިތުން ބޭނުންނަމަ މަޖިލީހުގެ މެންބަރުން މަޤާމުން ވަކިކުރެވެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެންބަރު އަޙްމަދު ސަލީމް، ސައްލެ މިއަދު ވިދާޅުވެއްޖެއެވެ.

މެންބަރު ސަލީމް މިމޭރުމުން ވިދާޅުވީ މަޖިލީހުގެ މެންބަރުން މަޤާމުން ވަކިވިނަމަވެސް މެންބަރުންނާއި ޢާއިލާއަށް ހެލްތު އިންޝުއަރެންސް ހަމަޖެއްސުމާމެދު މަޖިލީހުގެ ޢާއްމު ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލައަށް މަޖިލީހުގެ ތަޅުމުގައި މިއަދު ކުރިއަށްގެންދިޔަ ބަހުސްގައެވެ.

މިއަދުގެ ޖަލްސާގައި ސަލީމް ވިދާޅުވީ ފުރަތަމަ އިސްލާހުވާންވީ މަޖިލީހުގެ މެންބަރުން ކަމަށާއި އެހެންމީހުން އިސްލާޙު ކުރުމުގެ ވާހަކަ ދައްކާނީ އޭގެ ފަހުން ކަމަށެވެ. ރާއްޖެއަކީ އިސްރާފުބޮޑު ޤައުމެއް ކަމަށާއި އަދި މަޖިލީހުގެ މެންބަރުންދަނީ ދަޢުލަތަށް ދެގުނަ ބުރަ ޖައްސަމުންކަން ސަލީމް ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ މެންބަރުންނަށް މިހާރު ވިސްނިފައި އޮންނަނީ މެންބަރުންނަކީ ޒިންމާއަދާނުކުރިޔަސް ދައުރު ހަމަވަންދެން ގޮނޑީގައި ތިބެންޖެހޭ ބައެއްގެ ގޮތުގައިކަމަށް ސައްލެ ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުން ވަކިކުރެވޭނެ ގޮތެއް ރައްޔިތުންނަށްވެސް އޮންނަންޖެހޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

"މިހާރު އިނގިރޭސިވިލާތުގައި ތަޢާރަފްކޮށްފި މެންބަރުން ރިކޯލްކުރެވޭނެ ޤާނޫނެއް. ކީއްވެގެންތޯ އަޅުގަނޑުމެންހޮވި ރައްޔިތުންނަށް އަޅުގަނޑުމެން ކަމުނުދިޔައިމަ މިތަނަށް ނާންނަކަމަށްވަންޏާ އަނބުރާ ހުރިތަނަށް ނުގެންދެވެންވީ! މިހާރު ރާއްޖެއަށް މެންބަރުން ރިކޯލްކުރާ ޤާނޫނެއް ބޭނުންވޭ." މެންބަރު ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މެންބަރުންނަކީ ރައްޔިތުންނަށް ބަލަދުއަރާފައިވާ މީހަކަށް ވެގެންނުވާނެ ކަމަށާއި މަޖިލީހަށް ނާދެވޭނަމަ ޕެޓިޝަން ހުށައަޅައިގެން މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް އޮންނަންޖެހޭނެ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުން އިސްލާހުވެގެންނޫނީ ޤައުމު އިސްލާހު ނުވާނެ ކަމަށް ސައްލެ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ސަލީމްވަނީ މަޖިލީހުގެ މުޅި ނިޒާމް ރިވިއުކުރުމަށް ގޮވާލައްވާފައެވެ. އަދި މަޖިލީހުގެ މެންބަރުންވެސް އުޅެންޖެހޭނީ އާއްމު ރައްޔިތުން އުޅޭގޮތަށްކަމަށާއި ރައްޔިތުންނަށް ދަޢުލަތުން ފޯރުކޮށްދޭ އިނާޔަތެއް މަޖިލީހުގެ މެންބަރުންނަށްވެސް ލިބުމުން ފުދޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން