ކޮތަރުކޮށި ޓީމް ތަމްސީލްކުރާ ހިޔާ ފްލެޓްތައް
ކޮތަރުކޮށި ޓީމް ތަމްސީލްކުރާ ހިޔާ ފްލެޓްތައް
ކިންގް ފޮރެކްސްގައި އިންވެސްޓް ނުކުރުމަށް ކޮތަރުކޮށި ޓީމުން ގޮވާލައިފި އެވެ.

ކޮތަރުކޮށި ޓީމުން މިގޮތަށް ގޮވާލާފައިވަނީ ހިޔާ ފްލެޓު ދަރަނި ސަޕޯޓު ޕެކޭޖުގެ ނަމުގައި ކިންގް ފޮރެސްޓް ޓްރޭޑިންގެ ފަރާތުން ޕެކޭޖުތަކެއް ހަދައި ހިޔާ ފްލެޓުވެރިންނަށް އަމާޒުކޮށް މާކެޓު ކުރަން ފެށުމާއި ގުޅިގެންނެވެ.

ކިންގް ފޮރެކްސް ޓްރޭޑުން ބުނެފައިވަނީ ޕެކޭޖްތަކާ ގުޅިގެން އެ ޓީމްގެ މެންބަރުންގެ ފަރާތުން ލިބުނު ސުވާލުތަކާއި ގުޅިގެން ކޮތަރުކޮށި ޓީމުން މަޢުލޫމާތު ހޯދާފައިވާ ކަމަށެވެ. އެގޮތުން، ކިންގް ފޮރެކްސް ޓްރޭޑިން އަކީ އެފަރާތުން ކުރާ ވިޔަފާރިއާމެދު އެތައް ސުވާލުތަކެއް މިހާރުވެސް އުފެދިފައިވާ ކުންފުންޏެއް ކަމަށް ވަނީ ބުނެފައެވެ.

އޭގެއިތުރުން އެ "ވިޔަފާރިއަކީ" އޭގެ ސައްހަކަމާއި ބާވަތް އެހާސާފުނޫން އެކަމާއި ގުޅުންހުރި އެކައުންޓުތައް މިހާރުވެސް ފްޒީޒް ކޮށްފައިވާ ވިޔަފާރިއެއް ކަމަށް ވަނީ ބުނެފައެވެ. އަދި އެއީ ރާއްޖޭގެ އެއްވެސް ރަސްމީ އިދާރާއެއްގައި ރަޖިސްޓްރީ ވެވިގެން، ޒިންމާދާރު ކުރުވާނެ އިދާރާއެއްގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ ވިޔަފާރިއެއް ނޫންކަމަށްވެސް ވަނީ ބުނެފައެވެ.

އެހެންކަމުން އެވިޔަފާރިއާއި ޕެކޭޖުތަކުގެ މަޢޫލޫމާތު ސާފު ނުކޮށް ފައިސާ އިންވެސްޓުކޮށްފިނަމަ އެފައިސާ ނުލިބިގެން ދިމާވާނެ މައްސަަލަތައް ބެލޭނެ ގާނޫނީ ފަސޭހަ މަގެއްވެސް ނެތްކަމަށް ކޮތަރުކޮށި ޓީމުން ހާމަކޮށްފައިވެއެވެ.

"ވީމާ މި ޖަމްއިއްޔާއިން ހުރިހާ މެންބަރުންނަށް ގޮވާލަނީ މި ޕެކޭޖު އަދި މިފަދަ އެހެނިހެން ޕެކޭޖުތަކާއި ސްކީމް ތަކުގައި ބައިވެރިވުމުގައި ފަރުވާތެރިވެ ސަމާލުވުމަށެވެ. އަދި މިފަދަ ސްކީމެއްގައި ބައިވެރިވެ ދިމާވާ އެއްވެސް މައްސަލައެއް ހައްލު ކުރުމަށް މެދުވެރިއެއް ނުވަތަ އެހީތެރިއެއްގެ ދައުރު އާންމުންގެ ޖަމްއިއްޔާ އަދި ކޮތަރުކޮށިން އަދާނުކުރާނެ ވާހަަކަވެސް ދަންނަވާލަމެވެ." ކޮތަރުކޮށި ޓީމުގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮތަރުކޮށި ޓީމުގެ ބަޔާނަށް ކިންގް ފޮރެކްސް ޓްރޭޑިންގެ ފަރާތުން އަލްހާން ފަހުމީވެސް ވަނީ ޖަވާބު ދެއްވާފައެވެ. އަލްހާން ވިދާޅުވީ ކަންކަން ސާފު ނުކުރައްވާ ގޮތް ނިންމެވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ކިންގްސްގެ ފަރާތުން ކުރާކަމަކީ ޤާނޫނީ އެއްވެސް ހުރަހެއް އޮތް ކަމެއް ނޫން ކަމަށްވެސް އަލްހާން ވަނީ ވިދާޅުވެފައެވެ.

"ތިބޭފުޅުންނާ ބައްދަލުކޮށްލަން ބޭނުންވޭ މިކަން ސާފުކޮށްދޭން." އަލްހާން ވިދާޅުވެފައިވެއެވެ.

އަލްހާންގެ ކުންފުނިން ހިންގާ ސްކީމްގެ މައްސަލައިގައި ކިންގްސް ފޮރެކްސް ކުންފުނީގެ އެކައުންޓުތައްވެސް ވަނީ ފްރީޒްކޮށްފައެވެ. އަދި އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު