މާފަރު އެއަރޕޯޓް -
މާފަރު އެއަރޕޯޓް -
މާފަރުގައި ހިންގާ އިންޓަނޭޝަނަލް އެއާޕޯޓު (އެމްއައިއޭ) ރަންވޭ އިތުރަށް ބޮޑު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފިއެވެ.

މާފަރު އެއާޕޯޓުގެ ރަންވޭ އިތުރަށް ބޮޑު ކުރުމުގެ ދެވަނަ ފިޔަވަހި ފެށުމުގެ ގޮތުން ޕްލޭނިން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މާފަރު އެއާޕޯޓު ތަރައްގީ ކުރުމާއި ރަންވޭ އެކްސްޓެންޝަންގެ މަސައްކަތް "ފޭސް ދޭއް" ގެ މަޝްރޫއު އީޕީސީ ޓާންކީ އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އަދި މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުން ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

މި އަހަރުގެ ޖެނުއަރީ މަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މާފަރަށް ކުރެއްވި ދަތުރުފުޅުގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި ފަށާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަބޫދާބީ ފަންޑުން ހިލޭ އެހީއެއްގެ ގޮތުގައި ތަރައްގީކޮށްދިން މާފަރު އެއަރޕޯޓު ތަރައްގީ ކުރުމުގެ މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުން 135،000 ޑޮލަރުގެ ބިޑް ސެކިއުރިޓީއަކާއިއެކު މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހެއެވެ.

މާފަރުގައި އެއާޕޯޓެއް ހެދީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ. އެއާޕޯޓަށް ފަންޑުކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. މި އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއަކާއި އެކުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން